24 މާރިޗު އަކީ ދުނިޔޭގެ ޓީބީ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގައި އެންމެ އިސްކަމެއް ދެވެނީ މި ބައްޔާމެދު މީހުންގެ ހޭލުންތެރިކަން އިތުރުކޮށް ބަލިން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމާއި ބަލިޖެހުމުން ފަރުވާ ހޯދާނެގޮތާ މެދު މަޢުލޫމާތު ފޯރުކޮށް ދިނުމަށެވެ.2025 ވަނަ އަހަރު ދުނިޔޭގެ ޓީބީ ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ ”Yes! We Can End TB: Commit, Invest, Deliver އެވެ.
ޓީބީ އަކީ މައިކޯބެކްޓީރިއަމް ޓިއުބަރކިއުލޯސިސް ކިޔާ ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ބަލި އެންމެ އާންމުކޮށް ޖެހެނީ ފުއްޕާމެއަށެވެ. ހަށިގަނޑުގެ އެހެން ގުނަވަންތަކަށްވެސް މި ބަލި ޖެހެއެވެ. ޓީބީ ބަލި ގައިންގަޔަށް ފެތުރެނީ ހަމައެކަނި ފުއްޕާމެއަށް ޓީބީ ޖެހި، ކުޅުން ޖަރާސީމު ފެންނަ ބަލިމީހުންގެ ފަރާތުންނެވެ. ފުއްޕާމެއަށް ޓީބީ ޖެހިފައިވާ މީހުންގެ ތެރެއިން ޓީބީގެ ޖަރާސީމު ކުޅުން ފެންނަ މީހަކު ކެއްސައި ކިނބިހި އަޅައި ނުވަތަ ކުޅުޖެމުން، ވައިގެ ތެރެއަށް ބޭރުވާ ޖަރާސީމުތައް އެހެން މީހެއްގެ ނޭވާލާ ނިޒާމުގެ ތެރެއަށް ވާސިލުވުމުންނެވެ. ޓީބީއަށް ދެވޭ ފަރުވާއަކީ މަދުވެގެން 6 މަސްދުވަހުގެ މުއްދަތަށް ދެވޭ ފަރުވާއެކެވެ. ފުރިހަމައަށް ފަރުވާ ކުރެވިއްޖެނަމަ، މި ބައްޔަކީ ފަސޭހަކުރެވޭ ބައްޔެކެވެ. ބަލީގެ ފަރުވާ ފުރިހަމަނުކުރެއްވިޖެނަމަ ބަލީގެ ނުރައްކާ ބޮޑުވެ ބޭހަށް ނުގުޑާ ޓީބީ ޖެހުމުގެ ފުރުސަތު އޮވެއެވެ. މި ބަލީގެ ފަރުވާއަކީ ޞިއްޙީ މަސައްކަތްތެރިއެއްގެ ސީދާ ބެލުމުގެ ދަށުން ދެވޭ ފަރުވާއެކެވެ. ރާއްޖޭގައި ވެސް 1994ން ފެށިގެން ޓީބީ އަށް ފަރުވާދެމުން ގެންދަނީ ޑައިރެކްޓްލީ އޮބްޒަރވްޑް ޓްރީޓްމްންޓް (DOT) އުސޫލުންނެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ 2023 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި ޓީބީ ބަލީގައި ދުނިޔެއިން 1.2 މިލިއަން މީހުން މަރުވެފައިވެއެވެ. އަދި 2023 ވަނަ އަހަރު ދުނިޔެއިން 10.8 މިލިއަން މީހުންނަށް މި ބަލި ޖެހިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 6 މިލިއަން ފިރިހެނުންނާއި 3.6 މިލިއަން އަންހެނުން އަދި 1.3 މިލިއަން ކުޑަކުދިންނެވެ.
ރާއްޖޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2024 ވަނަ އަހަރު ޓީބީގެ 148ކޭސް ރިޕޯޓްކޮށްފައިވެއެވެ.
ދުނިޔޭގެ ޓީބީގެ ހާލަތަށްބަލައި ދުނިޔެއިން ޓީބީ ނައްތާލުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ހެލްތު އެސަމްބްލީގައި މި ބަލި މަދު ކުރުމަށް ”އެންޑް ޓީބީ“ ގެނަމުގައި ސްޓްރެޓެޖީއެއް ކަނޑައަޅާފައެވެ. މި ސްޓްރެޓަޖީގެ ދަށުން ރާއްޖެއިންވެސް ވަނީ 2030 ވަނަ އަހަރާ ހަމައަށް ރާއްޖެއިން ޓީބީ ބަލި އާއްމު ޞިއްޙަތަށް ނުރައްކާ ނުވާ ވަރަށް މަދު ކުރެވިފައިވާ ގައުމެއްކަމުގައި ކަނޑައެޅުމަށް މަސައްކަތް ފަށާފައެވެ. މިގޮތުން ރާއްޖޭގެ 100 ރަށެއްގައި ޓީބީ ނައްތާލެވިފައިވާ ކަމަށް ކަނޑައެޅުމަށް މަސައްކަތްތައް ދަނީ ކުރަމުންނެވެ. ރާއްޖެއިން ޓީބީ ނައްތާލުމުގެ މަސައްކަތްތައް ކުރުމަށް އަމާޒުކޮށްގެން 2018 ވަނަ އަހަރު ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލާ، މަސައްކަތަށް ބޭނުންވާ ފަންނީ ގައިޑްލައިންތައް މިހާރު ވަނީ ތައްޔާރުކޮށްފައެވެ.

































