ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމުން ނޮއެލް ގްރެގާ ޕެޓާސަން ޖޯންސް އިސްތިއުފާ ދެއްވައިފި އެވެ.
ނޮއެލް މަޤާމުން އިސްތިއުފާ ދެއްވި ސަބަބު ހާމަކުރައްވާފައެއް ނުވެއެވެ.
ވެލޮޕްމަންޓް ބޭންކަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ދެމެހެއްޓެނިވި އިގުތިސޯދީ އަދި އިޖުތިމާއީ ތަރައްޤީއަށް އިންވެސްޓް ކުރުމާއި އުމްރާނީ ތަރައްްޤީއަށް ބޭނުންވާ ފައިސާ ހޯދަން ސަރުކާރުން އުފެއްދި ބޭންކެކެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އާދިއްތަ ދުވަހު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނީ ޑީބީއެމްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަޤާމުން އިސްތިއުފާ ދެއްވުމަށް ނޮއެލް ހުށަހަޅުއްވާފައިވާތީ އޭނާގެ އިސްތިއުފާ އެ ބޯޑުން ޤަބޫލުކޮށްފައިވާ ކަމަށެވެ.
ދިވެހި ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކް އުފެއްދީ 2024 ވަނަ އަހަރުގެ މޭ މަހުގެ 16ވަނަ ދުވަހުއެވެ.
އެ ބޭންކުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވާފައިވަނީ ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ އަރުނީ ގުނެތިލަކައެވެ. އެއީ، 25 އަހަރުގެ ތަޖުރިބާ ހުންނެވި މާލީ ދާއިރާގެ މާހިރެކެވެ.

































