ޒާތީ ނުވެ ސިޔާސީ ވެވިދާނެ ކަމުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.
ޝަމްޢާން މިހެން ވިދާޅުވެފައިވަނީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިގޮތުން ޝަމްޢާން ވަނީ ޚާއްޞަކޮށް ސިޔާސީ ބޭނުމަށް ސިޔާސީ މައިދާނުގައި އެއްގޮތަކަށްވެސް ނޫޅޭ ކުޑަ ކުދިންނާއި އަންހެން ކަނބަލުންގެ ކަރާމާތް ގެއްލުވާ ނުލުމަށް ގޮވާލައްވައިފައެވެ.
”ތިޔަ ސެޓް ކުރެވެނީ ވަރަށް ނުބައި ޓްރެންޑެއް އަދި ދައްކުވައި ދެވެނީ ވަރަށް ގޯސް މިސާލެއް. ތަހުޒީބު ވާންވީ ފިކުރާއި ވިސްނުން“، ޝަމްޢާން އެކްސް ގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވެއެެވެ.
ޝަމްޢާން މިހެން ވިދާޅުވެފައިވަނީ އެމްޑީޕީން މިހާރު ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކައާ ގުޅިގެންނެވެ.
އެމްޑީޕީގެ މުޒާހަރާގައި މަންދީ ދެއްކި ވާހަކަ އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިންވެސް ކުށްވެރިކޮށްފައިވާއިރު، ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙްގެ އިތުރުން ގިނަ ފަރާތްތަކުން ވަނީ އެ މައްސަލަ ބަލައި، މަންދީއަށް ފިޔަވަޅު އެޅުމަށް ގޮވާލައްވައިފަކަން ފާހަގަކޮށްލެވެއެވެ.

































