ގެދޮރުވެރިޔާ ފްލެޓް ލިސްޓާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް އެމްޑީޕީން ޕޯޓަލް އެއް ތައާރަފްކޮށްފިއެވެ.
މިއީ ފްލެޓް ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ތައާރަފްކުރި ޕޯޓަލްއެއް ކަމަށް އެމްޑީޕީން ބުނެއެވެ.
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓްލިބޭ 4000 މީހުންގެ ލިސްޓް އިއުލާންކުރިއެވެ. ނަމަވެސް ފްލެޓް ދިނުމުގައި ހައްޤުވެރިކަން ކަނޑައެޅުމުގައި ކޮޕަރަޕްޝަންގެ އަމަލުތަކެއް ހިމެނޭ ކަމަށް ބުނެ އޭސީސީން ވަނީ އެ މައްސަލަ ބަލާފައެވެ. އެހެން ކަމުން އަލުސް ފްލެޓް ލިސްޓް އެކުލަވާލުމުގެ މަސައްކަތް ދޮޅު އަހަރަށް ފަހު ނިމިދިޔަ ފެބްރުއަރީމަހުގެ ފަހުކޮޅު ވަނީ އާއްމުކޮށްފައެވެ.
ފްލެޓް ލިސްޓް ހައުސިން މިނިސްޓްރީން އާއްމުކުރި އިރު މިދިޔަ ސަރުކާރުގައި ފުލެޓު ލިބޭ ކަމަށް ކަނޑައެޅި 4،939 މީހެއްގެ ފޯމު އަލުން ބަލައި، މި ސަރުކާރުން އާންމުކުރި ލިސްޓުގައި ފުލެޓު ލިބޭ ކަމަށް ކަނޑައަޅައިފައިވަނީ 1،820 މީހުންނަށެވެ.
އެމްޑީޕީން ބުނަނީ މި ސަރުކާރުން ބަދަލު ގެނެސް އެތައް ހައްޤުވެރިންނެއް އުނިކޮށްފައިވާކަމަށެވެ. އެމްޑީޕީން ވަނީ ފްލެޓު ލިސްޓާ ގުޅޭ ޝަކުވާއެއް އޮތްނަމަ https://flat.mdp.org.mv މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށް ބުނެފައެވެ.. އަދި، 7571637 ނަންބަރަށް ވަޓްސްއެޕް، ވައިބާ އަދި ޓެލެގްރާމް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް. އެމްޑީޕީގެ ފަރާތުން ބުނެފަވެއެވެ.
ގެދޮރުވެރިޔާ ސްކީމަށް ޚާއްސަކޮށް މިހާރު އިމާރާތް ކުރަމުންދާ ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފުލެޓެވެ. މި ފްލެޓްތަކަށް ޝަކުވާ ހުށަހެޅުމަށް މިމަހުގެ 31 ގެ ނިޔަލަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ.

































