ޖުޑީޝަލް ސާވިސް ކޮމިޝަން ގައި އޮންނަ ފަނޑިޔާރުންގެ މައްސަލަތައް ބަލާ ކޮމިޓީން އަލްއުސްތާޛު އަހްމަދު އުޝާމް އިސްތިއުފާ ދެއްވައިފިއެވެ.
ފަނޑިޔާރުންނާ ގުޅޭ ގޮތުން ޖޭއެސްސީން ބަލާ މައްސަލަތައް ބެލުމަށް އޮންނަ ޚާއްސަ ކޮމިޓީގައި ހިމެނެނީ ބަންޑާރަނައިބު އަހުމަދު އުޝާމާއި ޖޭއެސްސީއަށް މި ފަހުން އައްޔަންކުރެއްވި ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ޔަޒްމީދު މުހައްމަދާއި ވަކީލުންގެ ތެރެއިން އައްޔަން ކުރެއްވި އަލީ އަބްދުއްލަތީފެވެ.
އުޝާމް އެ ކޮމިޓީން އިސްތިއުފާ ދެއްވިއިރު މިއަދު ވަނީ ފަނޑިޔާރުންނަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަމަށް ވިދާޅުވެފައެވެ.
މިގޮތުން އުޝާމް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ ފަނޑިޔާރުގެއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާފައި ވަނީ އެމްޑީޕީގެ ވެރިކަމުގައި ކަމަށާއި، 2019 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފަނޑިޔާރުންނާމެދު އަޅާފައިވާ ފިޔަވަޅުތަކަށް ބަލާލުމުން އެކަން ވަރަށް ސާފުވާނެ ކަމަށެވެ.
އެމަނިކުފާނު ވަނީ 2018 އިން 2023 އާ ދެމެދު އެމްޑީޕީން ވެރިކަން ކުރިއިރު ފަނޑިޔާރުންނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތަފްޞީލް ހާމަކުރައްވާފައެވެ. 2018 އިން 2023 އަށް އެމްޑީޕީގެ ވެރިކަމުގައި 8 ފަނޑިޔާރަކު ވަނީ މަޤާމުން ވަކިކުރައްވާފައެވެ . އެ މުއްދަތުގައި 12 ފަނޑިޔާރަކު ސަސްޕެންޑްކޮށް ތިން ފަނޑިޔާރެއްގެ މަޤާމު ދަށްކުރިކަމަށް ވެސް އެމަނިކުފާނު އާއްމުކުރި ތަފާސް ހިސާބުގައި ވެއެވެ. އަދި ސްލޫކީ މައްސަލަ ސާބިތުވި ކަމަށް ކަނޑައަޅާ ނަސޭހަތް ދިން ފަނޑިޔާރުންގެ އަދަދު އެމްޑީޕީގެ ވެރިކަމުގައި ހުރީ 33 ގައި ކަމަށާއި 2018 އިން 2023 ގައި އެމްޑީޕީގެ ވެރިކަމުގައި ޖުމްލަ 56 ފަނޑިޔާރުންނާ ދެކޮޅަށް ވަނީ ފިޔަވަޅު އަޅާފައިވާކަންވެސް އުޝާމް އެކްސްގައި ކުރައްވާފައިވާ ޕޯސް
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި މިހާތަނަށް އެއްވެސް ފަނޑިޔާރަކު ވަކިކޮށްފައި ނުވާކަމަށާއި، ފަނޑިޔާރެއްގެ މަޤާމު ދަށްކުރައްވާފައި ވެސް ނުވާކަމަށް އުޝާމްގެ އާއްމުކުރެއްވި ތަފްޞީލުގައި ފާހަގަކުރައްވާފައިވެއެވެ. އަދި 2019 އިން ފެށިގެން މިއަދާ ހަމައަށް ޖޭއެސްސީ އިން ފަނޑިޔާރުންނާމެދު އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު ފަނޑިޔާރުގެއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާފައިވަނީ ކޮން ދުވަސްވަރެއްގައިކަން ވަރަށް ސާފު ކަމަށް އުޝާމް ވިދާޅުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

































