އެސްޓީއޯގެ އެޕްރޫވްޑްލިސްޓްގައި ހިމެނޭ ބޭސްތައްވެސް މިހާރު ރާއްޖޭގައި ލިބެންނެތްކަމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މީކާއީލް މިހެން ވިދާޅުވީ ކޮންމެ އަންގާރަ ދުވަހެއްގެރޭ އެންޓީވީއިން ގެނެސްދޭ ދެކޭގޮތް ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
އާސަަންދައިގެ ދަށުން ލިބެމުންދިޔަ ޙިދުމަތްތައް ހަނިވެގެން ދިއުމަކީ ވަރަށް ގިނަ ރައްޔިތުންގެ ބޮޑުޝަކުވާއެއްކަމަށް މީކާއީލް ވަނީ ވިދާޅުވެފައެވެ. މި ސަރުކާރު އައިގޮތަށް ފެނުނީ ކުރިން އިއްޑިއާއިން ބޭސްފަރުވާގެ ޙިދުމަތް ލިބެމުންދިޔަ ބައެއް ހޮސްޕިޓަލްތަކުން ލިބެމުންދިޔަ ޙިދުމަތްތައް ކެންސަލް ކުރެވިގެން ދިޔަ މަންޒަރުކަމަށްވެސް މީކާއީލް ވިދާޅުވިއެވެ.
ބޮޑުއަގުގައި ގަންނަކަމަށްބުނެ ބައެއް ބޭސްތައް ގަތުން ހުހްޓާލި މަންޒަރު ވެސް ފެނިގެންދިޔަކަމަށް މީކާއީލް ވިދާޅުވިއެވެ. ބޭހުގެ ކަންތައްތަކަށް ބަލާލާއިރު ބޭސްލިބުން ދަތިވެގެން މިއުޅެނީ މާލީ ޙާލަތާ ގުޅިގެންކަމަށާއި އަދި މިއުޅެނީ އެސެންޝަލްސް މަދުވެގެން ނޫންކަމަށް މީކާއީލްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް މެޑިކަލް އެކްސްޕާރޓްއިން ، ހޮސްޕިޓަލްތަކުގެ ޑޮކްޓަރުން ، އަދި މެޑިކަލް އެސޯސިއޭޝަން ތަކުން ބުނަނީ ލިސްޓުގައި ހިމެނޭ ބޭސްތައްވެސް މިހާރު ރާއްޖޭގެ ފާމަސީތަކުގައި ލިބެން ނެތްކަމުގައިކަމަށް މީކާއީލް ވިދާޅުވިއެވެ. އަދި ސަރުކާރުން މިކަމަށް ޖަވާބުދާރީ ވާން މީކާއީލް ވަނީ ގޮވާލައްވާފައެވެ. އެހެނަސް ސަރުކާރުން ޖަވާބުދާރީ ވުމުގެ ބަދަލުގައި ފެންނަނީ ކޮންމެ ކުރިމަތިކުރުވުމުކުން އޭގެ ޖަވާބެއްގެ ގޮތުގައި ކުރީ ސަރުކާރޭ ބުނާ މަންޒަރު ކަމާއި ކުރީ ސަރުކާރުގައި ކަންހިނގާދިޔަގޮތް ރައްޔިތުން ހަނދާންނުނެތޭކަން މެމްބަރ މީކާއީލް ފާހަގަކުރެއްވިއެވެ.
އަދި ދާދިފަހުން މިފެނުނީ ހެލްތް މިނިސްޓަރ ވެސް އެހެން ވުޒާރާއަކަށް ބަދަލުވުރެވިގެންދިޔަ މަންޒަރުކަމަށް މީކާއީލް ވިދާޅުވިއެވެ. އެހެންވީމަ ކުއްލިކުއްލިއަށް ޕޯޓްފޯލިއޯތަކަށް މިއަންނަ ބަދަލުތަކާ ރައްޔިތުންގެ ސިއްޙަތަށްވުރެ ބޮޑަށް ދިވެހިރާއްޖޭގެ ދުސްތޫރީ މައްސަލަތަކާއި ނިޒާމަށް ގެންނަ ބަދަލުތަކާއިގެން އެންމެކުރިން އުޅެގަތީމައި އަސާސީ ގޮތުން އެންމެ ބޮޑު ޕްރޮއަރިޓީ އެއް ދޭންޖެހޭ ކަންކަމަށް މިސަރުކާރުން އިޙުމާލުވެފައިވާކަން އިނގެން އެބައޮތްކަމަށް މީކާއީލްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

































