އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 58 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ސުވިޒަލޭންޑްގެ ޖެނީވާއަށް ވަޑައިގެންފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 58 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު މިހާރު ހުންނެވީ ސުވިޒަލޭންޑުގެ ޖެނީވާގައި ކަމަށެވެ.
ހިއުމަން ރައިޓްސް ކައުންސިލްގެ ތެރެއިން ކުރިއަށްދާ ހައި ލެވެލް ޖެނެރަލް ޑިބޭޓުގައި ޚާރިޖީ ވަޒީރު ތަޤުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހައި-ލެވެލް މުހިންމު މަޝްވަރާތަކެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށްވެސް ހަމަޖެހިފައިވެއެވެ.
ހިއުމަން ރައިޓްސް ކައުންސިލްގެ 58 ވަނަ ސެޝަން އަންނަ ހޯމަ ދުވަހުން ފެށިގެން މާރޗް މަހުގެ 4 ވަނަ ދުވަހާ ހަމައަށް ދެމިގެންދާނެއެވެ. މި ފަހަރުގެ ސެޝަންގައިވެސް އެކި މަޢުޟޫތަކާ ގުޅޭ ޕެނަލް ޑިސްކަޝަންތައް ކުރިއަށްދާނެއެވެ. އެގޮތުން މަރުގެ އަދަބު ދިނުމާއި ޤަތުލު ޢާންމުތައް ހުއްޓުވުމާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ޙައްޤުތައް ކަށަވަރުކުރުމާ ބެހޭ މަޝްވަރާތައް ކުރިއަށްދާނެއެވެ.
ދިވެހިރާއްޖެއަކީ 2023-2025 ހިއުމަން ރައިޓްސް ކައުންސިލްގެ މެންބަރެކެވެ. މިއީ އެ ކައުންސިލްގެ މެންބަރުންކަން ރާއްޖެއިން އަދާކުރާ ތިންވަނަ ފަހަރެވެ. ހިއުމަން ރައިޓްސް ކައުންސިލަކީ އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމަށް އެކި ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް އުފައްދާފައިވާ އދގެ ގޮތްޕެކެވެ.

































