އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ތިބި ބިދޭސީންތަކެއް ރޭ ކާނާ ވިހަވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ބަލަން ފަށައިފިއެވެ.
އެޗްއާރްސީއެމް އިން ބުނީ މޯލްޑިވްސް އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ތިބި ބިދޭސީންތަކެއް ރޭގެ ވަގުތެއްގައި ކާނާ ވިހަވެ ބައެއް ފަރާތްތައް ހާލުދެރަވެ ހޮސްޕިޓަލުގައި އެނދުމަތިކުރަންޖެހުމަކީ އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެ ކޮމިޝަނުން ދަނީ މި މައްސަލަ ގާތުން ބަލައި މޮނިޓަރކުރަމުން ކަން ހާމަކޮށް އެޗްއާރްސީއެމް އިން ބުނީ މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ކަން ހިނގާދިޔަގޮތް ތަހުޤީގު ކުރުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލާ ކަމަށެވެ.
ރޭގެ ވަގުތެއްގައި ކާނާ ވިހަވެގެން އެ ހޮސްޕިޓަލަށް ގެންދިޔައީ 19 މީހުންނެވެ. އެއީ 16 ފިރިހެނުންނާއި ތިން އަންހެނުންނެވެ.
އެ މީހުންނަށް ފަރުވާ ދިނުމަށް ފަހުގައި ރޭގެ ވަގުތެއްގައި 17 މީހަކުވަނީ ދޫކޮށްލައިފައެވެ. އަދި މިއަދު ހެނދުނު ދެ މީހަކު ދޫކޮށްލާފައިވެއެވެ.
ހުޅުމާލޭގައި ހުންނަ އިމިގްރޭޝަންގެ އެ ޑިޓެންޝަން ސެންޓަރުގައި ބައިތިއްބާފައި ތިބެނީ ޤަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހުންނެވެ.
މިކަމާއި ގުޅިގެން އިމިގްރޭޝަނުން ވިދާޅުވީ އެކަމުގައި އަސަރުކޮށްފައިވާ ބިދޭސީންނަށް ވީ އެންމެ އަވަސް ފަރުވާއެއް ފޯރުކޮށްދިނުމަކީ އެންމެ އިސްކަމެއް ދީގެން ކުރެވެމުންދާ ކަންތައް ކަމަށެވެ.

































