އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށަށް ކަރަންޓުގެ ޚިދުމަތް ޔަޤީން ކުރުމަށްޓަކައި 1.8 މެގަވޯޓްގެ ޖަނަރޭޓަރުސެޓް އިންސްޓޯލްކޮށް، މިހާރު ޚިދުމަތް ފަށާފައިވާކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ.
ފެނަކައިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށަށް ކަރަންޓު ޔަޤީން ކުރުމަށް ޓަކައި، އެ ސިޓީގެ ސީޕީއެސްއަށް ހޯދުނު 1.8 މެގަވޯޓުގެ ޖެނަރޭޓަރު ސެޓު އިންސްޓޯލްކޮށް، މިހާރު ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.
ފެނަކައިން މީގެ ކުރިން ބުނީ އައްޑޫ ސިޓީގެ ހިތަދޫއާ ގުޅިފައިވާ ރަށްރަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ސެންޓްރަލް ޕަވާ ސްޓޭޝަންގައި ބޭނުންކުރަމުންދާ ޖެނެރޭޓަރު ސެޓުތަކުގެ ތެރެއިން ތިން ޖެނެރޭޓަރު ސެޓަށް މައްސަލަ ދިމާވެ، އިތުރު އެއް ޖެނެރޭޓަރު ސެޓު މަރާމާތު ނުކުރެވޭ ވަރަށް ހަލާކުވެފައިވާކަމަށެވެ.
ހަލާކުވި ޖެނެރޭޓަރުތަކުގެ ތެރެއިން އެއް ޖެނެރޭޓަރު މަރާތްކޮށް މިހާރު ހިންގާފައިވާއިރު ދެވަނަ ޖެނެރޭޓަރު މަރާމާތުކޮށް މި ހަފުތާގެ ނިޔަލަށް ހިންގޭނެ ކަމަށް ފެނަކައިން ބުނެފައިވެއެވެ. އަދި ރާއްޖެއިން ބޭރުން ސްޕެއާ ޕާޓްސް ގެނެސްގެން ތިންވަނަ ޖެނެރޭޓަރު މަރާމާތުކޮށް ކުރިއަށް އޮތް ހަފުތާގައި ހިންގަން ފެށޭނެކަމަށް ވެސްފެނަކައިން ބުނެފައިވެއެވެ.
ކުރިއަށް އޮތް ރޯދަ މަހު އައްޑޫ ސިޓީގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ނުލިބިދާނެތީ އެސިޓީގެ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރޯދަމަހަކީ އާންމު ގޮތެއްގައި ކަރަންޓު ބޭނުންކުރާ މިންވަރު ގިނަ މަހެއް ކަމަށް ވާތީއާއި އައްޑޫ ސިޓީގެ ތަރައްޤީގެ މަޝްރޫއުތައް ކުރިޔަށް ދާއިރު ދުވަހުން ދުވަހަށް ކަރަންޓުގެ ޑިމާންޑު މަތި ވަމުންދާތީ އެ ކަމަށް ޚާއްސަ ސަމާލުކަމެށް ދޭކަމަށް ފެނަކައިން ބުނެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އައްޑޫގެ ކަރަންޓުގެ ޙިދުމަތަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް ފަށައި، ދެ އަހަރުތެރޭ އަމަލީ މަސައްކަތްތައް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް އެ ފެނަކައިންބުނެއެވެ. އައްޑޫ ސިޓީއަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ސިޓީއެވެ

































