ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ބޭއްވުމަށް ތާވަލްކޮށްފައި ޖަލްސާ ކެންސަލްކޮށްފިއެވެ.
މަޖިލީހުގެ އިދާރާއިން ބުނީ ދެން އެންމެ އަވަހަށް މަޖިލީހުގެ ޖަލްސާއެއް ބާއްވާނީ އަންނަ ހޯމަ ދުވަހުއެވެ.
ނަމަވެސް އިއްޔެގެ މަޖިލީސް ޖަލްސާ ނިންމަވާލައްވަމުން މަޖިލީސް ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ މިއަދު ހެނދުނު 09:00 ޖަހާއިރު ޖަލްސާއެއް އޮންނާނެ ކަމަށް ވިދާޅުވެފައެވެ. މިއަދުގެ ޖަލްސާ ކެންސަލްވުމުގެ ސަބަބުން މި ހަފްތާގައި މަޖިލީހުގެ ޖަލްސާތައް ބޭއްވިފައިވަނީ 2 ދުވަހުގައި އެކަނިކަން ފާހަގަކޮށްލަންޖެހެއެވެ.
މި ހަފްތާ ތެރޭގައި މަޖިލީހުން ވަނީ ފަސް ގައުމަކަށް ކަނޑައެޅި ނޮން-ރެޒިޑެންޓް ސަފީރުންނަށް ރުހުން ދިނުމާއި ބައިނަލްއަގްވާމީ އޯގަނައިޒޭޝަންތަކަށް ރާއްޖެއިން ކަނޑައެޅި މަންދޫބުންނަށް ރުހުން ދިނުމުގެ މަސައްކަތްކޮށްފައެވެ.
މީގެ އިތުރުން، ޑަބްލިޔުޑީސީ މެންބަރުންނަށް ރޯދަ އެލަވަންސް ދިނުމާއި ބެހޭ ބިލެއްވެސް ފާސްކޮށްފައި ވެއެވެ.


































