މިއަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށްގެން އެސްޓީއޯއިން ހެޔޮ އަގެއްގައި ލުނބޯ ވިއްކަން ފަށައިފިއެވެ.
ރަމަޟާން މަހު ކެއުމުގައި އާންމުކޮށް ބޭނުންކުރާ ބާވަތްތަކުގެ އަގުތައް މަތިނުވެ އެއްވަރެއްގައި ހިފެހެއްޓުމަށް އެސް.ޓީ.އޯއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެސްޓީއޯއިން މައުލޫމާތުދެއްވާ ގޮތުގައި ލުނބޯ ކިލޯއެއް 40 ރުފިޔާއަށް ވިއްކެވުމަށް ހަމަޖެހިފައިވާއިރު، 5 ކިލޯގެ ފޮށިގަނޑެއް 145 ރުފިޔާއަށް ވިއްކެވުމަށްވަނީ ހަމަޖެހިފައެވެ.
އެސްޓީއޯ އިން ބާޒާރަށް ލުނބޯ ގެނެސް ހެޔޮ އަގުގައި ވިއްކަން ފެށިއިރު ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު މިހާރު ހުރީ 60 ރުފިޔާ އިން މަތީގަ އެވެ. މީގެ ހަފްތާއެއްކުރިން މާލޭ ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު ވަނީ 80 ރުފިޔާއަށްވެސް އުފުލިފައެވެ.
މިފަހުން މާލޭ ބާޒާރުގައި ލުނބޯގެ އަގު އެންމެ މައްޗަށް ގޮސްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގަަައެވެ. އެފަަހަރު ލުނބޯ ކިލޯއެއްގެ އަގު ވަނީ 145 ރުފިޔާއަށް އަރާފައެވެ.
ރަމަޟާންމަހާއި ދިމާކޮށް ކާބޯތަކެތި އަގުބޮޑުވިޔަ ނުދިނުމަށްޓަކައި ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން 141 ބާވަތެއްގެ މުދަލެއް ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާ، އެތަކެތީގެ އަގުބޮޑުވިޔަ ނުދިނުމަށްޓަކައި އަގުތައް ބެލެހެއްޓުމުގެ މަސައްކަތް އިޤްތިޞާދީ ތަރައްޤީއާއިބެހޭ ވުޒާރާއިން ދަނީ ކުރައްވަމުންނެވެ.

































