މާލޭ ސިޓީގެ އެންމެ ދުވަސްވީއެއް މިސްކިތް ކަމުގައިވާ ހުކުރު މިސްކިތުގެ މުންނާރު ދޮށުގައި ”ރަންކަމަނާ“ ލަވައަށް ކުޑަކުއްޖަކާ ބޮޑުމީހެއް ނަށާ ލަވަކިޔާ ވީޑިއޯއެއް ޓިކްޓޮކް ގައި ހިއްސާކޮށްފިއެވެ. މިކަމާގުޅިގެން އާއްމުންގެ ނުރުހުމާއި ފާޑުކިޔުންތައް އަންނަނީ އިތުރުވަމުންނެވެ.
ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމުޤައުމެއްކަމުން އަޅުކަން ކުރުމަށް ބިނާކޮށްފައިވާ މިސްކިތްތަކުގެ ގަދަރުކުޑަވާ ގޮތަށް އާއްމުވި ޓިކްޓޮކް ވީޑިއޯ އިން، ނަށާ ކުޑަކުއްޖާ ފެންނަފެނުމާއި މެދުގައި އެކުއްޖާގެ ބެލެނިވެރިންގެ ޒިންމާދާރުކަމާ މެދުވެސް ދަނީ ފާޑުކިޔަމުންނެވެ.
ޓިކްޓޮކް ވީޑިއޯ އިން ފެންނަނީ ކުޑަކުއްޖެއް ހުކުރުމިސްކިތުގެ ގޯތިތެރޭގައި ނަށަމުންދާ އިރު، ޓީޝާޓަކާއި ސޯޓު ބުރިއެއްލައިގެން ހުރެ ބޮޑު ފިރިހެނެއް، ދިވެހި ލަވައެއް ކިޔަމުން އޭނާވެސް ނަށަމުންގެންދާ މަންޒަރެވެ.
ޓިކްޓޮކް ވީޑިއޯ ހެދުމުގައި މިސްކިތްތަކަށް ގަދަރުކުޑަ ކުރުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭކަމެއް ނޫނެވެ. ވީޑިއޯއިން ފެންނަނީ ދިވެހިންނެވެ. އެނގިފައިވާ ގޮތުގައި ވީޑީއޯއިން ފެންނަ ފިރިހެންމީހަކީ ދިވެހި ލަވަކިޔުމަށް މީގެ އަހަރުތަކެއްކުރިން މަޝްހޫރު ވެފައިވާ ފަރާތެއްކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.
ދިވެހިންނަކީ މިސްކިތްތަކަށް އިހުތިރާމްކުރާ ކުޑަކުދިންގެ ހިތްތަކުގައި މިސްކިތްތަކާ މެދު ލޯބި ޖެއްސުމަށް މައިންބަފައިން ނަމޫނާ ދައްކަމުންދާ ދީނަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ޤައުމެކެވެ. މިފަދަ ވިޑިއޯއެއް އާއްމުވުމުން ގިނަބައެއްގެ ފާޑުކިޔުން އަމާޒުވަމުންދެއެވެ.
މީގެ ކުރިން ވެސް ޓިކްޓޮކް ގައި ބިދޭސިންގެ ބަޔަކު އިސްލާމީ މަރުކަޒުގެ ގޯތިތެރޭގައި ނަށާ ވީޑިއޯ އެއްވަނީ އާއްމުވެގެން ގޮސްފައެވެ. އެކަމާގުޅިގެން ސަރުކާރުގެ ކަމާބެހޭ ފަރާތުންވަނީ ފިޔަވަޅުވެސް އަޅާފައެވެ.

































