ސަރުކާރުން އުފައްދާ ޓެކްސީލައިން މަޝްރޫޢު ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމައިފިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ބުނީ، މި މަޝްރޫޢުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުގައި އަދި ރާއްޖޭގެ އެހެނިހެން ސިޓީތަކުގައި ޓެކްސީލައިން ޚިދުމަތް ތަޢާރަފުކުރުމަށް ވަނީ ރޭވިފައިކަމުގައެވެ.
ޓެކްސީލައިން ގެ ޚިދުމަތް ދިނުމުގެ ކަންކަން ރޭވިފައިވާ ގޮތުން، މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި 2025 ވަނަ އަހަރު ފެށުމަށް ވަނީ ރޭވިފައެވެ. މި ފިޔަވަހީގެ ދަށުން މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ގައި ޓެކްސީލައިން ޚިދުމަތް ފެށޭނެއެވެ.
ދެވަނަ ފިޔަވަހީގެ ދަށުން 2026 އަދި 2027 ވަނަ އަހަރު ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށީގައި މި ޚިދުމަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތިންވަނަ ފިޔަވަހީގެ ދަށުން 2028 އަދި 2029 ވަނަ އަހަރު ރަސްމާލެ އަދި ގިރާވަރުގައި ޓެކްސީލައިން ޚިދުމަތް ފެށުމަށް ވަނީ ރޭވިފައެވެ.
މީގެ އިތުރުން، ތިންވަނަ ފިޔަވަހީގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައި ވެސް މި ޚިދުމަތް ތަޢާރަފުކުރުމަށް ވަނީ ރޭވިފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޕަބްލިކް ޓްރާންސްޕޯޓް ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގާ މުހިންމު މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ސަބަބުން ގްރޭޓަރ މާލެ ސަރަހައްދުގައި އަދި ރާއްޖޭގެ އެހެނިހެން ސިޓީތަކުގައި ދަތުރުފަތުރުގެ ނިޒާމު ފަސޭހަވެ، ރައްޔިތުންނަށް ލުއިފަސޭހަ އަގެއްގައި ދަތުރުފަތުރުކުރެވޭނެއެވެ. އަދި މި މަޝްރޫޢުގައި ބޭނުން ކުރަނީ އިލެކްޓްރިކް ވެހިކަލް ކަމުން ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަވެ، ދެމެހެއްޓެނިވި ގޮތެއްގައި ދަތުރުފަތުރުގެ ނިޒާމު ތަރައްޤީކުރެވޭނެއެވެ.
މާލެ ސަރަހައްދުގައި އިލެކްޓްރޯނިކް ޓެކްސީ (އީވީ) ގެ ޚިދުމަތް ދޭން އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ 12 ފެބްރުއަރީ ގައި މީރުމާގެ ކާނިމާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ބޭއްވި މިރަސްމިއްޔާތުގައި އެއްބަސްވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަހްމަދު ޝަމީމެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ އެވެ.

































