ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދިނުމަށް ނިންމި މަސްދަޅުކޭސް، އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން ދޫކުރަން ފަށާނޭކަމަށް އެސްޓީއޯ އިން ބުނެފިއެވެ.
މާލެ ސަރަހައްދުގެ ގޭބިސީތަކަށް މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ. މާލޭގައި މަސްދަޅުކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 20 ވާ ބުރާސްފަތި ދުވަހުން ފެށިގެން ފެބްރުއަރީ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.
މާލެ ސަރަހައްދުގައި ޖުމްލަ 5 މަރުކަޒެއް ގާއިމުކުރެވޭނެއެވެ. މީގެ ތެރޭގައި މާލޭގައި ދެ މަރުކަޒު، ވިލިމާލޭގައި އެއް މަރުކަޒު، އަދި ހުޅުމާލޭގެ ފޭސް އެކެއް އަދި ދޭއްގައި މަރުކަޒެއް ހިމެނެއެވެ.
މާލެ ސަރަހައްދުގައި މަސްދަޅުކޭސް ބެހުމަށް 5 ސަރަހައްދެއް ކަނޑައަޅާފައިވެއެވެ. އެގޮތުން
· މާލެ ސިޓީ ކައުންސިލް އިދާރާގެ އާއްމު ހިދުމަތްތަކާއި ބެހޭ ބައި އަދި މިފްކޯ އޮފީސް ކޮމްޕައުންޑް
· ވިލިމާލެ ކައުންސިލް އޮފީސް
· ހުޅުމާލެ ފޭސް 1 : އުމަރު ޒާހިރު ބިލްޑިންގ
· ހުޅުމާލެ ފޭސް 2 : ހިޔާ ފްލެޓް ޓަވަރ 2 ގެ ޔޫތު ސެންޓަރު
ގޭބިސީތަކަށް ބެހުމަށް ހަމަޖެހިފައިވަނީ 180 ގްރާމްގެ ތެޔޮމަހުގެ 48 ދަޅުގެ މަސްކޭސް ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.
އަތޮޅުތަކަށް ފޮނުވާ މަސްދަޅު ކޭސްތައް އެސްޓީއޯއިން ވަނީ ފެބްރުއަރީ 5 ވަނަ ދުވަހުން ފެށިގެން ފަށާފައެވެ. ރަށްރަށުގެ ގޭބިސީތަކަށް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލުންނެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ލިބޭނީ ހަމައެކަނި ދިވެހި ރައްޔިތުންނަށެވެ. ދޫކުރެވޭނީ ގޭގޭގެ ކަރަންޓް މީޓަރު ނަންބަރު ޗެކްކުރުމަށްފަހު، ބަލައި އަންނަ ފަރާތުގެ އައިޑީ ކާޑާއި ގުޅޭނެ ފޯނު ނަންބަރު ރެކޯޑު ކުރުމަށްފަހުގައެވެ. މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅިއަކަށެވެ. އެއީ މެންދުރުފަހު 2:30 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:30 އިން 11:00 އަށެވެ.

































