މެދުއިރުމަތީ އެމެރިކާގެ ޤައުމެއް ކަމަށްވާ ގުއަޓެމާލާ ސިޓީގެ ރަށްބޭރު ހައިވޭ ބުރިޖުން ދަތުރު ކުރަމުން ދިޔަ ބަހެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާގައި މި ދުނިޔެއާ ވަކިވެ ދިޔަ މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެ، އެ ޤައުމުގެ ރައީސް، ހިޒް އެކްސެލަންސީ ސެސަރ ބަރނާޑޯ އަރޭވަލޯ ޑެ ލެއޯންއަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މެސެޖެއް ފޮނުއްވައިފިއެވެ.
މި ހާދިސާއާ ގުޅިގެން ގުއަޓެމާލާގައި ޤައުމީ ހިތާމައިގެ ތިން ދުވަސް އިޢުލާންކޮށްފައި ވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ގުއަޓެމާލާގެ ސަރުކާރަށާއި ރައްޔިތުންނަށް ހަމްދަރުދީ ފޮނުއްވާފައެވެ.
ގުއަޓެމާލާ ސިޓީގައި ހައިވޭ ބުރިޖުން ކައްސާލައި ތަޣައްޔަރުވެފައިވާ ކޯރަކަށް ބަހެއް ވެއްޓި ހިނގި މި ހާދިސާގައި 55 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެ ބަހުގައި ގާތްގަނޑަކަށް 75 ފަސިންޖަރުން ތިއްބެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 36 ފިރިހެނުންނާއި 15 އަންހެނުންނެވެ. ޒަހަމްވި ފަސިންޖަރުން އެކި ހޮސްޕިޓަލްތަކަށް ބަދަލުކޮށްފައިވާއިރު، ގިނަ ބައެއްގެ ހާލު ސީރިއަސް ކަމަށް ރިޕޯޓުތައް ބުނެއެވެ.

































