ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއީލު އަހްމަދު ނަސީމަށް ތައުރީފުކޮށް، ސޯޝަލް މީޑިއާގައި ޖަމާލުއްދީން ސްކޫލު (ޖޭއެސް) އާންމުކުރި ޕޯސްޓް ޑިލީޓުކުރި ގޮތަށް ބެލުމުން ސްކޫލްތަކުގެ ހންގުމުގެ ނިޒާމަށް ސިޔާސީ ނުފޫޒު ވަދެފައިވާ މިންވަރު ހާމަވެއްޖަކަމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.
މިކަމާމެދު ކަންބޮޑުވުން ހާމަކޮށްފައިވަނީ އެޕާޓީގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާ ކޮށްފައިވާ ނޫސްބަޔާނެއްގައެވެ. އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މީކާއީލުގެ ޕްރޮފައިލް ނެގުމަށް ފަހު ރޭ ދަންވަރުގެ ވަގުތާ ކައިރިވެފައިވަނިކޮށް ޖޭއެސްއިން ނެރުނު ބަޔާން ކުށްވެރިކުރާ ކަމަށެވެ. މީކާއީލުގެ ޕްރޮފައިލް ޕްލެޓްފޯމުތަކުގައި ޕޯސްޓް ކުރުމަށް ފަހު، އެ ޕްރޮފައިލް ފެނުމުން ދަރިވަރުންނަށް ނުބައި އަސަރުކުރާނެ ކަމަށް ބުނެ، ނެގުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމުގައެވެ.
އެމްޑީޕީން ބުނީ ޑިމޮކްރެޓިކް ވެއްޓެއްގައި އުނގަންނައިދިނުމުގެ މަސައްކަތްކުރާ މަރުކަޒުތަކުގެ މައިގަނޑު މަސައްކަތަކަށް ވާން ވާނީ އުނގަންނައިދިނުމުގެ އިތުރަށް ދަރިވަރުން މުސްތަގުބަލުގައި ކުރިއަށްދާނެ މަގުދައްކައިދީ ތަނަކަށް ކަމަށެވެ. އަދި އެކަކު އަނެކަކަށް އިހުތިރާމުކުރާ ހެޔޮލަފާ ޖީލެއް ބިނާކުރުމުގެ އިތުރުން ދައުލަތުގެ ހުރިހާ އިންތިޒާމުތަކާއި ޑިމޮކްރެޓިކް ވެއްޓަށް އަހުލުވެެރި އަދި އިހުތިރާމުކުރާ ބައެއްގެ ގޮތުގައި ދަރިވަރުން މުޖުތަމައަށް ނެރުމުގެ މަސައްކަތް ކަމަށެވެ.

”ޑިމޮކްރެސީގެ އެންމެ މުހިންމު އެއް ބަޔަކީ ރައްޔިތުން ތަމްސީލުކުރާ މަންދޫބުން ކަމުގައި ވީހިނދު، އެ މަސައްކަތަކީ ހުތުރު މަސައްކަތެއްގެ ގޮތުގައި ސިފަކުރުމަށް ތައުލީމު ފޯރުކޮށްދޭ މިފަދަ މުއައްސަސާއަކަށް މަޖުބޫރު ކުރުވުމަކީ ކަންބޮޑުވާ ކަމެކެވެ،“
ގާނޫނު އަސާސީގައި މަޖިލިހަކީ ހާއްސަ އިމްތިޔާޒުތަކެއް ލިބިފައިވާ އިދާރާއަކަށްވާއިރު، މީކާއީލަށް އަމާޒުކޮށް އަގުވައްޓާލަން ދައްކާފައިވާ ވާހަކަތަކާ އަދި ކަން ހިނގައި ގޮސްފައިވާ ތަރުތީބަށް ބެލުމުން ސްކޫލުތަކުގެ ހިންގުމުގެ ނިޒާމަށް ސިޔާސީ ނުފޫޒު ވަދެފައިވާ ނުރައްކާތެެރި މިންވަރު ހާމަވާ ކަމަށް އެމްޑީޕީން ބުންޏެވެ.
ބަޔާނުގައި ބުނި ގޮތުގައި ގައުމުގެ ވެރިންނާ އަދި ޒިންމާދާރު މަގާމުތަކުގައި ތިބި ފަރާތްތަކުގެ ނޭއްގާނީ އަމަލުތަކުގެ ވާހަކަ ދެއްކުމާ އެފަދަ ފަރާތްތައް ޒިންމާދާރު ކުރުމުގެ މަސައްކަތަކީ މުހިންމު ކަމެއް ކަމުގައި ދަރިވަރުންނަށް އިހުސާސް ކޮށްދިނުމަކީ އުނގަންނައިދޭ މަރުކަޒުތަކުގެ ޒިންމާއެއް ކަމުގަ އެވެ.

”ޖަމާލުއްދީން ސްކޫލުގެ މި އަމަލަކީ ދަރިވަރުންގެ ހިތުގައި ދައުލަތުގެ ވެރިންނާ އަދި ދައުލަތް ޒިންމާދާރު ކުރުވުމުގެ އަގުހުރި ބުރަ މަސައްކަތް ކުރައްވާ ފަރާތްތަކާ މެދު އޮންނާން ޖެހޭ ފުރިހަމަ ގަދަރާ އިހުތިރާމް ކުޑަވެގެން ހިނގައިދާނެ އަމަލެކެވެ.މިފަދަ އަމަލުތައް ތަކުރާރުނުވާނެ ގޮތަށް އަމަލުތައް ބަހައްޓަން އެޑިއުކޭޝަން މިނިސްޓްރީއަށް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.
ޖޭއެސްއަށް 40 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް އެ ސްކޫލުން ތައުލީމު ހާސިލުކޮށް، ރީތި ނަން ހޯދައިދީފައިވާ ފަރާތްތަކުގެ ޕްރޮފައިލްސްތައް ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި ސްކޫލުން އަންނަނީ އާންމުކުރަމުންނެވެ. އެގޮތުން އިއްޔެ ހަވީރު ޖޭއެސްއިން ވަނީ އެ ސްކޫލުގެ އެލުމްނާއި މީކާއީލު އެ ސްކޫލުން ކިޔަވައި ވިދާޅުވިއިރު ހޯއްދެވި ކާމިޔާބީތައް ފާހަގަކޮށް ޕޯސްޓެއްކޮށްފަ އެވެ. ނަމަވެސް އެ ސްކޫލުން ފަހުން ވަނީ އެ ޕޯސްޓް ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުން ޑިލީޓުކޮށްފަ އެވެ.
މިކަމާއި ގުޅިގެން މީކާއީލު ”އެކްސް“ ގައި ހިއްސާ ކުރެއްވި ޕޯސްޓުގައި ވަނީ ސަރުކާރުން ސިޔާސީ ކަންކަމުގެ ތެރެއަށް ސްކޫލުތައް ވައްދަމުން އަންނަކަން ފާހަގަކުރައްވާ ނުރުހުން ފާޅުކުރައްވާފަ އެވެ. ޖޭއެސްއިން ޕޯސްޓް ޑިލީޓުކުރީ އެޑިއުކޭޝަން މިނިސްޓްރީގެ އެންގުމަށް ކަމަށް ވެސް ތުހުމަތު ކުރައްވާފައިވެއެވެ.
މީކާއީލުގެ މިތުހުމަތުތައް ދޮގުކޮށް، ޖޭއެސްއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި އެ ޕޯސްޓް އާންމުކުރުމަށް ފަހު ޑިލީޓުކުރަން ޖެހުނީ އެ ސްކޫލަކީ ތައުލީމާއި ތަރުބިއްޔަތުދޭ މުއައްސަސާއަކަށް ވާތީ ކަމަށެވެ. އަދި އެކަން ކުރީ މީކާއީލުގެ ފަރާތުން ދަރިވަރުންނަށް ނަމޫނާއަކަށް ފެންނަން ނުޖެހޭ ފަދަ އަމަލުތަކެއް ފެނުމުން ކަމަށް ބުނެފައިވެ އެވެ.

އަދި މި ސްކޫލުން ގަބޫލުކުރާ އަހްލާގީ މިންގަނޑުން ބޭރު ކަމަށް ވާތީ އާއި އެތައް ބެލެނިވެރިންގެ ކަންބޮޑުވުންތައް ސްކޫލަށް ލިބެމުން ދިއުމާ ގުޅިގެންކަން ބަޔާން ކޮށްފައިވެއެވެ.
އިތުރަށް ބުނި،ޕޯސްޓް ޑިލީޓުކޮށްފައި ވަނީ އެލުމްނާއި ޕްރޮފައިލް ކޮމިޓީގެ މަޝްވަރާގެ މަތިން ކަމުގަ އެވެ. ފޭސްބުކާއި އެކްސްއިން ޕޯސްޓް ޑިލީޓުކުރީ އެޑިއުކޭޝަން މިނިސްޓްރީން ޕްރެޝަރުކޮށްގެން ކަމަށް ބައެއް ފަރާތްތަކުން ރިޕޯޓުކުރި ނަމަވެސް އެއީ ސައްހަ މައުލޫމާތެއް ނޫން ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.

































