ރައީސުލް ޖުމްހޫރިއްޔާ މިއަދު ދެއްވި ރިޔާސީ ބަޔާނަކީ އުއްމީދުން ފުރިގެންވާ ބަޔާނެއްކަމަށް އެމްއެންޕީގެ ރައީސް އަދި މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެމްބަރ ކާނަލް ރިޓަޔާރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
މިގޮތުން ނާޒިމް އެކްސްގައި ކުރެއްވި ޕޯސްޓްގައިވަނީ ރައީސްގެ ރިޔާސީ ބަޔާނަށް ތައުރީފް ކުރައްވާ އެބަޔާނަކީ އުއްމީދުން ފުރިގެންވާ އެހާމެ ތަފްސީލީ ބަޔާނެއްކަމަށް ވިދާޅުވެފައެވެ. މިރިޔާސީ ބަޔާނުގައިވާ ކަންކަން ހާސިލްކުރުމަށް ސަރުކާރާއި ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރެވިއްޖެނަމަ މިކަންކަމުގައި ވަރަށް ފުރިހަމަކަމާއެކީ ކުލަޖެހިގެން ދާނެކަން ޔަޤީން ކުރައްވާކަމުގައިވެސް ނާޒިމްގެ ޕޯސްޓްގައި ވިދާޅުވެފަވެއެވެ. ނާޒިމްގެ މެސެޖް ނިންމަވާލައްވާފައިވަނީ މި އަހަރަކީ އިންޤިލާބީ އަހަރަކަށް ވެގެން ދިއުމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމުގެ ކުރިމަގާމެދު އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަންކަން ހިއްސާކުރައްވައި ރިޔާސީ ބަޔާން އިއްވަވާފައިވަނީ މިއަދުއެވެ. އެމަނިކުފާނު ރިޔާސީ ބަޔާން އިއްވުމާ ގުޅިގެން ސަރުކާރުގެ ވަޒީރުންނާއި އަދި ސިޔާސީ ބޭބޭފުޅުން އަންނަނީ އެމަނިކުފާނު އިއްވެވި ރިޔާސީ ބަޔާނަށް ތައުރީފުކުރައްވަމުންނެވެ.
ރިޔާސީ ބަޔާނަކީ ޤާނޫނުއަސާސީގެ 84ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކަށް ރައްޔިތުންގެ މަޖިލިސް ފަށާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ބަޔާނެކެވެ. މިބަޔާނުގައި ޤައުމުގެ މިހާރުގެ ހާލަތާއި އެހާލަތު ކުރިއެރުވުމަށް ގެންގުޅުއްވާ ތަސައްވަރު ހިއްސާކުރައްވައެވެ.

































