ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށުމުގެ ގޮތުން މާދަމާ އިއްވުމަށް ހަމަޖެހިފައިވާ ރިޔާސީ ބަޔާނާ ގުޅިގެން ވެރިކަން ޕީއެންސީ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް ބާއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކުރިއަށް ދިޔަ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޕީއެންސީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހެވެ. ފަލާހުގެ އަރިހުގައި ތިއްބެވީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމާއި ޑެޕިއުޓީ ޕީޖީ ލީޑަރު ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުގެ އިތުރުން ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރު ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުއެވެ.
މި ބައްދަލުވުމުގައި މަޝްވަރާ ކުރީ މަޖިލީހުގެ އާ ދައުރުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތަކާ މެދުގައެވެ. އަދި ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް އެމްޑީޕީގެ މެމްބަރުން ހުރަސް އަޅާ ނަމަ، އެކަމުގައި އަމަލު ކުރާނެ ގޮތަކާ މެދުގައި ވެސް މަޝްވަރާ ކުރިއެވެ.
މި ބައްދަލުވުމުގައި ޕީއެންސީގެ ޗެއާޕާސަން، މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައެއް ނުގަންނަވައެވެ.
އަބްދުއްރަހީމް ބައިވެރިވެވަޑައިނުގެންނެވި ނަމަވެސް، މި ބައްދަލުވުމުގައި ޕީއެންސީގެ ވަރަށް ގިނަ މެމްބަރުން ބައިވެރިވެވަޑައިގަތެވެ

































