މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމުން މުހައްމަދު ވަޖީހު އިބްރާހީމް، ވަކިކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ވަޖީހް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުންނާއި ބޯޑު ޑިރެކްޓަރު ކަމުގެ މަގާމުން މިއަދު ވަކިކޮށްފައިވާކަން ހާމަކުރައްވާފައެވެ. މިގޮތުން ޕީސީބީން ވަނީ ވަޖީހު މަޤާމުން ވަކިކޮށްފައިވާކަން ޕީސީބީގެ ރަސްމީ އެކްސް އެކައުންޓްގައިކޮސްފައިވާ ޕޯސްޓެއްގައި ޔަޤީންކޮށްދެއްވާފައެވެ.
އެހެންނަމަވެސް އޭނާ މަގާމުން ވަކިކުރި ސަބަބެއް ޕީސީބީ އަކުން ނުބުނެއެވެ.
މި ސަރުކާރުން އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ވަޖީހު އައްޔަން ކުރެއްވީ ނޮވެމްބަރު 28، 2023 ގައެވެ.
އިނގިރޭސިވިލާތުގެ އެންގްލިއާ ރަސްކިން ޔުނިވާސިޓީން ވިޔަފާރީގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވާ ވަޖީހު ވަނީ ނުވަ އަހަރަށްވުރެ ގިނަ ދުވަސް ވަންދެން އެމްޕީއެލްގައި އެކި މަގާމުތައް ފުރުއްވާފައެވެ. އޭގެތެރޭގައި އެމްޕީއެލްގެ ޖެނެރަލް މެނޭޖަރުކަމާއި އެސިސްޓެންޓް ޖެނެރަލް މެނޭޖަރުގެ މަގާމުވެސް ފުރުއްވިއެވެ. ތައުލީމީ ދާއިރާގައިވެސް މަސައްކަތް ކުރައްވާފައިވާ ވަޖީހު ވަނީ ފުވައްމުލަކު ސްކޫލެއްގައި ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައެވެ.
ވަޖީހް މަގާމުން ވަކިކޮށްފައިވާއިރު ޓުއަރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުން އިބްރާހިމް ފައިސަލް އެމަގާމުން ކުއްލި ގޮތަކަށް ވަކިކޮށްފައިވަނީ ނިމިދިޔަ ހަފްތާަގެ އަންގާރަ ދުވަހުއެވެ.

































