އެމްޑީޕީން ރޭ މާލޭގައި ބޭއްވި ބޮޑު ހިނގާލުމަށް، ސަރުކާރުން އެންމެ ފުޅާމިނުމުގައި ޖާގަ ދިނުމުން ފެންނަނީ، ގާނޫނުއަސާސީން ލިއްބައިދީފައިވާ އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ ހައްގުތައް ހިމާޔަތްކޮށްދީ، ކަށަވަރު ކޮށްދޭން މި ސަރުކާރުން ދޭ އަހައްމިއްޔަތުކަން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދިޔަ މުޒާހަރާ ނިންމައިލުމާ އެކު، ރައީސް އޮފީހުގެ ތަރުޖަމާން ހީނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވެ، އެ މުޒާހަރާ ކުރިއަށް ގެންދިޔުމަށް އެއްވެސް ހުރަހެއް ނެތި ފުރުސަތު ދިނުމުން، އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ ހައްގުތަކަށް، މި ސަރުކާރުން ގަދަރުކުރާ މިންވަރު ސާފުކޮށް ފެނިގެން ގޮސްފައިވާ ކަމަށެވެ.
”ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ، ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ލިއްބައިދީ، ހިމާޔަތްކުރުން،“ ހީނާ ވިދާޅުވި އެވެ.

އެމްޑީޕީ ރޭގައި ބޭއްވި މުޒާރަހާގެ ބައިވެރިން ވަނީ މާލޭގެ އެކި ސަރަހައްދުތަކަށް މަޑުކޮށް ސަރުކާރާ ދެކޮޅަށް އަޑު އުފުލައިފަ އެވެ. އަދި ރައީސް މުއިއްޒާއި ބައެއް ވަޒީރުންގެ އިސްތިއުފާ އަށް ވެސް ގޮވާލާފައި ވެއެވެ. އެތަކެއް ސަތޭކަ ބަޔަކު ބައިވެރިވި މުޒާހަރާ މާލޭގެ ބޮޑެތި މަގުތަކުގައި ހިނގުމަށް ފަހު އެއްވުން ނިންމާލާފައިވަނީ ވެސް އާޓިފިޝަލް ބީޗު ސަރަހައްދުންނެވެ. މިމުޒާހާރާގައި އެއްވެސް ހަމަ ނުޖެހުމެއް ހިނގާފައެއް ނުވެއެވެ.

































