ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު އާއްމުކުރި އިއުލާނުގައި ބުނެފައިވަނީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 މެމްބަރުން ހަމަނުވާތީވެ، މިއަދުން ފެށިގެން ސިޔާސީޕާޓީތަކުގެ ދަފްތަރުން އެމްއާރުއެމް އުނިކޮށްފައިވާކަމަށެވެ.
އެމްއާރުއެމް އުވާލުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ މެމްބަރުން ހަމަކުރުމަށް ފުރުސަތުވެސް ދީފައެވެ. އެމްއާރުއެމަށް މެމްބަރުން ހަމަކުރުމަށް ފުރުސަތު ދީފައިވަނީ، 2023 ވަނަ އަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހުން ފެށިގެން 3 މަސްދުވަހުގެ މުއްދަތަކަށެވެ. ސިޔާސީ ޕާޓީގެ ގާނޫނު ލާޒިމުކުރާ އަދަދު ކަމަށްވާ 3،000 މެމްބަރުން އެ ޕާޓީ އަށް ހަމަކުރެވިފައި ނުވާތީ، އެމްއާރްއެމް އުވާލަން ނިންމާފައިވަނީ މިިދިޔަ އޮގަސްޓު މަހުއެވެ.
ރައީސް މައުމޫން އެންމެ ފުރަތަމަ އުފެއްދެވި ސިޔާސީ ޕާޓީއަކީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އެވެ. އެކަމަކު، އެ ޕާޓީގައި ހިޔާލު ތަފާތުވުން ބޮޑުވެގެން ޕާޓީން ވަކިވެވަޑައިގެން ޕީޕީއެމް ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވިއެވެ. ނަމަވެސް އެ ޕާޓީގައި ވެސް ކޯޅުން ބޮޑުވެގެން އެންމެ ފަހުން އެ ޕާޓީން ރައީސް މައުމޫން ވަކިވެވަޑައިގެންނެވިއެވެ. އެންމެ ފަހުން،ރައީސް މައުމޫން އުފެއްދެވީ އެމްއާރުއެމްއެވެ. އެމްއާރުއެމް އުފެއްދެވީ 2019 ވަނަ އަހަރުއެވެ.

































