ރައީސުލްޖުމްހޫރިއްޔާ ޗައިނާގެ އައު އަހަރު ފެށުމުގެ މުނާސަބަތުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށާއި، ޕްރިމިއަރ އޮފް ދަ ސްޓޭޓް ކައުންސިލް، އަދި ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ ސެންޓްރަލް ކޮމިޓީގެ މެމްބަރ އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ދަ ޕޮލިޓިކަލް ބިއުރޯ، ލީ ޗިއާންގއަށް ތަހުނިޔާ ވިދާޅުވެ މެސެޖް ފޮނުއްވައިފިއެވެ.
އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސްޖުގައި، ޗައިނާގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރުގެ ނަމުގައްޔާއި ދިވެހި ރައްޔިތުންގެ ނަމުގައި ތަހުނިޔާއާއި އިޚުލާސްތެރި ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވެއެވެ. މީގެ އިތުރުން އެމަނިކުފާނުގެ މެސެޖްގައި، ރާއްޖެއިން ”ވަން ޗައިނާ“ ޕޮލިސީއަށް ދެމުންދާ އިސްކަން ފާހަގަކުރައްވަމުން، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރަންޖެހޭކަން ފާހަގަކުރައްވާފައިވެއެވެ. މީގެއިތުރުން ”ޗައިނާ މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް“ އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އަލިއަޅުއްވާލައްވައިފައިވެއެވެ.
ޗައިނާގެ އައު އަހަރު ފެށުމުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ ”އެކްސް“ އެކައުންޓްގައިވެސް މެސެޖެއް ޙިއްސާކުރައްވާފައެވެ. މިގޮތުން މި ފެށުނު ޗައިނީސް އާ އަހަރާއެކު ރާއްޖެ އާއި ޗައިނާގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ޤަބޫލްފުޅުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފަވެއެވެ.
ރައީސްގެ މެސެޖުގައި އާއަހަރާއިއެކުގައި ކުރިއެރުމައި ދުޅަހެޔޮ ސިއްހަތާއި އުފާވެރިކަން ޗައިނާގެ ރައްޔިތުންނަށް ލިބުމަށް އެދިލައްވާ ކަމަށް ވިދާޅުވެފަވެއެވެ. އަދި އާ އަހަރާއިއެކުގައި ދެ ޤައުމުގެ ގުޅުން އިތުރާށް ވަރުގަދަވެގެންދާނެ ކަމަށް އެމަނިކުފާނު ޤަބޫލުފުޅުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 14 އޮކްޓޯބަރ 1972 ގައެވެ.

































