ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ އެމްޑީ، އިބްރާހިމް ފަޒުލް ރަޝީދުގެ މައްޗަށް ކުރަނީ އެކުންފުނީގެ ރަސްމީ ލިޔެކިއުންތަކެއް ނައްތާލަން އުޅުނު ކަމުގެ ތުހުމަތު ކަމުގައި ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ފަޒުލްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހުގީގުގައި އޭނާގެ ބަޔާން ނަގާފައިވާ ކަމަށެވެ. އަދި ފަޒުލް ރާއްޖެއިން ބޭރަށް ފުރުން މަނާކުރުމުގެ ގޮތުން އޭނާގެ ޕާސްޕޯޓު ހިފަހައްޓަން ނެރުނު އަމުރު އަދިވެސް ދެމި އޮތް ކަމަށް ފުލުހުން ވިދާޅުވިއެވެ.
މީގެ އިތުރުން ފުލުހުން ވިދާޅުވީ ފަޒުލްގެ މައްޗަށް ކުރަނީ އެޗްޑީސީގެ ރަސްމީ ލިޔެކިއުންތަކެއް ނައްތައިލުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތު ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ފަޒުލްގެ ގެ ބަލައި ފާސްކުރިއިރު، ދަބަހެއްގެ ތެރެއިން 1.4 މިލިއަނެއްހާ ރުފިޔާ ފެނުނު ކަމަށާއި، އެ ފައިސާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް މަޢުލޫމާތު ލިބެއެވެ. މި ފައިސާއާއި ގުޅޭގޮތުން ”ރިލެކްސް ފެރީ ސާވިސް“ ނަމަކަށް ކިޔާ ކުންފުންޏަކުން ބުނެފައިވަނީ، އެއީ ލޯންޗެއް ބަނުމަށް ފަޒުލްގެ ކުންފުންޏަށް ދިން ފައިސާ ކަމަށެވެ. ފަޒުލް ވަނީ އޭނާގެ ފޭސްބުކްގައި ވެސް އެ ޕޯސްޓް ޝެއަރ ކޮށްފައެވެ.
ފަޒުލްގެ މައްޗަށް ކުރެވޭ އިތުރު ތުހުމަތުތަކުގެ ތެރޭގައި، ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެއިން ބިންތަކެއް ދިނުމާއި، ވިނަރެސް ފްލެޓް ދިނުމުގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގި ކަމަށް ބުނާ މައްސަލަތައް ހިމެނެއެވެ. މީގެ ތެރޭގައި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އޭނާގެ ބޭބެއަށް ބިމެއް ދިން މައްސަލައެއް ވެސް ހިމެނެއެވެ.
މި މައްސަލަ ފުލުހުންނާއި އޭސީސީން ތަޙުޤީޤުކުރަމުންދާތީ، ތަޙުޤީޤަށް ފުރުޞަތު ދިނުމުގެ ގޮތުން ފަޒުލް ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުކަމުން އިސްތިއުފާ ދެއްވާފައެވެ. މި މައްސަލަތަކުގެ ތަޙުޤީޤު ފުލުހުންނާއި އޭސީސީން ވެސް ކުރިއަށް ގެންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.

































