ރާއްޖެއަށް ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައި ވާތީ، މޫސުމީ ގެއްލުންތަކުން ރައްކާތެރިވުމަށް މުޅި ރާއްޖޭގައި ހާއްސަ ޖޮއިންޓް އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ. މި އޮޕަރޭޝަނުގައި ފުލުހުންނާއިސިފައިން އަދި ކަމާބެހޭއެހެން އިދާރާތައް ބައިވެރިވެއެވެ.
މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) އިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ރާއްޖެއާ ކައިރި ހިސާބެއްގައި އުފެދިފައިވާ ކޮޅިގަނޑު އަންނަ ޖެނުއަރީ 18 އާ ހަމައަށް ދެމިގެންދާނެ ކަމަށް ލަފާކުރެވެއެވެ.
މި ކޮޅިގަނޑުގެ ސަބަބުން އާންމުކޮށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށާއި އުތުރާއި މެދު ރާއްޖެ ތެރޭގެ ބައެއް ރަށްތަކަށް އުދައެރުން ވެސް އެކަށީގެންވާ ކަމަށް ވަނީ އަންގާފައެވެ.މޫސުމީ ގެއްލުންތަކުން ރައްކާތެރިވުމަށް އެކުލަވާލާފައިވާ ޓާސްކް ފޯހުގައި މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވަރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ، މޫސުން ގޯސް މި ދަނޑިވަޅުގައި ސިފައިންނެކޭ އެއްފަދައިން ފުލުހުންވެސް މާލެއާއި އަތޮޅުތެރޭގައި ތައްޔާރަށް ތިބި ކަމަށެވެ. އަދި ޕޮލިސް ޕޯސްޓްތައް ގާއިމުކުރެވިފައި ނުވާ ރަށްރަށަށްވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތަށް ހިދުމަތްތައް ތަރުތީބުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
މި ޖޮއިންޓް އޮޕަރޭޝަނުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިމާވެދާނެ ކުއްލި ހާދިސާތަކަށް އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅިގެންދާނެއެވެ.
މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، އުދަ އަރާނެއެވެ. އެހެންކަމުން، މޫސުމާބެހޭ އިދާރާއިން ދޭ މައުލޫމާތުތަކަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޫސުން ގޯސްވުމުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ދުރާލާ ސަލާމަތީ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރަމެވެ.


































