ކުރިއަށް އޮތީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ބޯކޮށް ވިއްސާރަކުރުމާއެކު ކަނޑު ގަދަވެ، އުދައިގެ އަސަރުވެސް ކުރާނެ ދުވަސްވަރެއް ކަމުގައި މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ
މެޓްއިން މިއަދު ބުނީ، ރާއްޖޭގެ އިރުން ހުޅަނގުދެކުނު ބޭ އޮފް ބެންގާލްގައި ކޮޅިގަނޑެއް އުފެދި، އެ ކޮޅިގަނޑު ހުޅަނގަށް ޖެހި ރާއްޖޭގެ ސަރަހައްދުގައި ބޯ ވިއްސާރަ ވިލާ އުފެދުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެހެން ކަމުން މާދަމާ (13 ޖެނުއަރީ 2025) އިން ފެށިގެން 18 ޖެނުއަރީ 2025 އާ ހަމައަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް އެ އިދާރާއިން ލަފާ ކުރެވެއެވެ. އަދި އާންމުވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށާއި، އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް އުދައިގެ އަސަރު ކުރުމުގެ ފުރުސަތު އޮތް ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
މޫސުން ގޯސްވާނެތީ، އެ އިދާރާއިން ވަނީ މޫސުމުގެ ސަބަބުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅު އަޅަން އިލްތިމާސްކޮށްފައެވެ.

































