ހުއްޓިފައިހުރި ބިނާރުގެ މަސައްކަތްތައް އަލުން ފެށުމަށް ބޭނުންވާ ބޮޑުހިލަ ބަލްކުކޮށް ގެންނަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ، ގދ. ރަތަފަންދޫއަށް މިއަދު ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މެޓީރިއަލް އަދި ފައިސާގެ ތާށިކަމާހެދި މަޑުޖެހިފައިހުރި މަޝްރޫޢުތައް އަލުން ފެށްޓެވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން ދިވެހިރާއްޖޭގެ އެކިއެކި ރަށްތަކުގައި މިގޮތަށް ހުއްޓިފައިހުރި މަޝްރޫޢުތަކަށް ބޭނުންވާ ތަކެތި ހޯއްދެވުމަށް، މިފަދަ މަޝްރޫޢުތަކަށް އެންމެ ބޮޑަށް ބޭނުންވާ ބޮޑުހިލަ ހޯދުމަށްޓަކައި، މިދިޔަ ހަފުތާ ތެރޭގައި މިކަމާ ގުޅިގެން ކުންފުނިތަކުގެ ވެރިންނާއި ފިނޭންސް މިނިސްޓަރާއި ކޮންސްޓްރަކްޝަން މިނިސްޓަރާއި ބައްދަލުކުރައްވައި، މިކަން ހަމަޖެއްސުމަށް ގޮތްތަކެއް ރޭވިފައިވާ ކަމަށާއި އެގޮތުން ބޮޑުހިލަ ބަލްކުކޮށް ގެނައުމަށް ނިންމާފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި މިކަން ކުރުމަށް ރާވާފައިވާ ގޮތާއި އެކަމަށް ބޭނުންވާ ފައިސާ ވެސް މިދިޔަ ހަފުތާގެ ތެރޭގައި ހަމަޖައްސައިދީފައިވާނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރަތަފަންދޫގެ ތަރައްޤީއަށް ސަރުކާރުން ރާވައި ކުރިއަށްގެންދަވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ހާމަކުރައްވަމުން، ރަތަފަންދޫގެ ފެނާ ނަރުދަމާގެ މަޝްރޫޢު އަލުން ފަށްޓަވައި، އެކްސްޓެންޑް ކުރަންޖެހޭ ސަރަޙައްދާއެކު އެ މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އެ ރަށު ރައްޔިތުންނަށް ދެއްވިއެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި، އެރަށުގެ ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރާއިރު އިރާދަކުރެއްވިއްޔާ ރަށު ރައްޔިތުން މޫދަށް އެރިލާނެ ސަރަޙައްދަކާއެކުގައި ތަރައްޤީ ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިއަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އޭ.ޓީ.އެމް.ގެ ޚިދުމަތް ޤާއިމުކުރުމުގެ މަޝްރޫޢު ފަށްޓަވައިގެން ކުރިއަށްގެންދަވާކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަޝްރޫޢުގެ ތެރެއިން ރަތަފަންދޫގައިވެސް އޭ.ޓީ.އެމް.ގެ ޚިދުމަތް ފަށްޓަވާނެކަން ހާމަކުރައްވާފައެވެ. އަދި ކުނި މެނޭޖްކުރުމަކީވެސް ހަމަ މިފަދަ އެހެން މަޝްރޫޢެއް ކަމަށާއި މިއަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ރާއްޖޭގެ ހުރިހާ ރަށެއްގައި، އެރަށެއްގެ އާބާދީއާއި އެރަށެއްގެ ނީޑަށް ބަލާފައި އެރަށަކަށް ބޭނުންވާ ކެޕޭސިޓީގައި، އެ ރަށަކަށް ބޭނުންވާ ފެންވަރުގައި، ހުރިހާ ކަމެއް ހަމަކުރެވިފައިވާ، ތަކެތީގެ ގޮތުންނާއި އެކިކަހަލަ ވަޞީލަތްތަކުގެ ގޮތުން ކަންތައް ފުރިހަމަ ކުރެވިފައިވާ، ކުނި މެނޭޖްކުރުމުގެ މަރުކަޒެއް ރަތަފަންދޫގައި ޤާއިމުކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރަށުގެ އައިސް ޕްލާންޓުގެ މަސައްކަތަކީ ސަޢުދީ ފަންޑުގެ އެހީގައި ކުރައްވަމުންދާ މަސައްކަތެއް ކަމަށާއި މާލީ ވަޒީރު ވަރަށް އަވަހަށް އެ ފަންޑުގެ ބޭފުޅުންނާ ބައްދަލުކުރައްވާނެ ކަމަށާއި އެ މަޝްރޫޢުގެ ތެރެއިން ހަމަޖެހެންޖެހޭ ބައެއް ކަންކަން ހަމަޖެހިގެންދިއުމާއެކުގައި އެ މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ އައިސްޕްލާންޓްތަކުގެ މަސައްކަތް ކުރިއަށްދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

































