އިންޑީއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ.ބަލަސުބްރަމާނިއަމް ސަފީރު ކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަރުވައިފިއެވެ. މިރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައެވެ.
އިންޑީއާގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ. މި ރަސްމީއްޔާތަށް ފަހު އިންޑިއާ ސަފީރާއެކު ބޭއްވި ބައްދަލުވުމުގައި، ސަފީރު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއާއި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ ވަނީ ކިޔުއްވާފައެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އަދި އިންޑީއާ ސަފީރު ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ދެ ޤައުމުގެ ތަރައްޤީގެ މަޝްރޫޢު ތަކުގައި އެއްބާރުލުން ދިނުމާއި، ދިވެހިރާއްޖޭގައި އިންޑިއާ ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކާއި، އެކި ދާއިރާތަކުގައި އިންވެސްޓްމަންޓް އިތުރުކުރުމާއި، ދެ ޤައުމުގެ ރައްޔިތުންގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

































