ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރި ފަހުން، މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ނުވަ މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނާއި ޙިލާފުވި 9 ފަރާތެއް ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު ފުލުހުން ބުނީ ވޭޕްގެ މި ޤަވައިދަށް އަމަލުކުރަން ފެށިފަހުން މިހާތަނަށް ނުވަ މީހަކު 50،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
ރާއްޖެއަށް ވޭޕް އާއި ވޭޕް ކުރުމަށް ބޭނުންވާ އާލާތްތަށް އެތެރެ ކުރުން އޮތީ މިދިޔަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަނާވެފައެވެ. އަދި މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވޭޕްގެ ވިޔަފާރިކުރުމާއި ބޭނުންކުރުން ވަނީ މަނާވެފައެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން ޤާނޫނު ތަންފީޒު ކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އިލެކްޓްރޯނިކް ސިނގިރޭޓް، ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތައް ވިއްކުމާއި ހިލޭ ދިނުމާއި ބެހުމާއި އެކަކު އަނެކަކަށް ދޭ މީހުންނާ މެދު ފުލުހުން ގާނޫނީ ފިޔަވަޅު އަޅައި ޖޫރިމަނާ ކުރާނެއެވެ. އަދި މިފަދަ އާލާތްތައް ބޭނުން ކުރާ މީހުންނާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅަމުންދާނެ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.
ވޭޕް ބޭނުންކުރުމުން ކުރެވޭ ޖޫރިމަނާގެ މައުލޫމާތު ހިމެނޭ ކުރު މެސެޖެއް ޖޫރިމަނާ ކުރެވޭ މީހުންގެ ފޯނުތަކަށް ފުލުހުން ދަނީ ފޮނުވަމުންނެވެ. އެ މެސެޖްގައި ޖޫރިމަނާދެއްކުމަށް ވާރުޕޭގެ ޕޭމެންޓް ލިންކް ހިމެނިފައިވާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ކުރާ މަސައްކަތުގައި އެހީތެރިވުމަށް ތަޖުރިބާކާރުންގެ އިރުޝާދާއި އެހީތެރިކަން 24 ގަޑިއިރު ފޯރުކޮށްދޭނެ ހޮޓްލައިނެއް ތައާރަފުކޮށްފައިވެއެވެ. އެ ޚިދުމަތް ހޯދުމަށް ގުޅާނެ ނަމްބަރަކީ 1676 އެވެ.

































