ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު ކަމަށް އިބްރާހީމް ނަސްރީން އައްޔަނު ކުރައްވައިފިއެވެ. އިބްރާހީމް ނަސްރީން އެމް ޑީ ކަމަށް އައްޔަނު ކުރެއްވިއިރު މިއީ ޑޮކްޓަރ މުޙަންމަދު މުއިއްޒުގެ ސަރުކާރުން ދައުލަތުގެ މީޑިއާ ހިންގެވުމަށް އިސްކުރެވުނު 3ވަނަ އެމްޑީ ކަން ފާހަގަ ކޮށްލެވެއެވެ.
ނަސްރީން އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ސައީދު، މިދިޔަ އަންގާރަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޕީއެސްއެމްގެ އެމްޑީއަކަށް ނަސްރީން އައްޔަންކުރައްވާފައިވާއިރު، ޕީއެސްއެމްގެ އެމްޑީއަކަށް ފުރަތަމަ އައްޔަނު ކުރައްވާފައި ވަނީ ޒީނާ ޒާހިރެވެ. އޭނާ އައްޔަން ކުރެއްވީ ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވަޑައިގެން މިދިޔަ އަހަރު ނޮވެމްބަރު މަހު 28 ވަނަ ދުވަހުގައެވެ.
ނަސްރީނަކީ ޕީއެސްއެމްގައި ހިދުމަތް ކުރައްވާތާ ނުވަ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މެލޭޝިއާގެ ލިމްކޮކް ޔުނިބާސިޓީން ބެޗްލާސް ޑިގްރީ ހާސިލުކުރައްވައިފައެވެ. މީގެ އިތުރުން ތައިލެންޑުގެ ކޮލެޖް އޮފް އިނޮވޭޝަން އެޓް ތަމަސަޓް ޔުނިވާސިޓީން ސާވިސް އިނޮވޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީވެސް ވަނީ ހާސިލުކުރައްވައިފައެވެ. ޕީ އެސް އެމް އަށް ނަސްރީނު އައްޔަނު ކުރައްވާ ފައިވާއިރު ދައުލަތުގެ މީޑިއާ ޚާއްޞަކޮށް ޓީވީ އެމް އިންގެނެސް ދޭ ޕްރޮގްރާމްތަކުގެ ފެންވަރު ދަށްވެ، ޚަބަރު ފެތުރުމުގައިވެސް އެއްވެސް ކުރިއެރުމެއް ނުލިބި ގިނަ ދުވަސް ވެފައިވާ ކަން ފާހަގަ ކުރެވެއެވެ. ދައުލަތު މީޑިއާ މެދު ރައްޔިތުންގެ އިތުބާރު ގެއްލެމުން ދާކަން ބައެއް ފަރާތްތަކުން ފާހަގަ ކުރެއެވެ.

































