އިންސާނީ އެހީތެރިކަމަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ މަޤްޞަދުގައި ”އައްމާރު ފައުންޑޭޝަން“ ގެ ނަމުގައި އައު ޖަމްޢިއްޔާއެއް 13 ޑިސެމްބަރ 2024 ވީ ހުކުރު ދުވަހު އިފްތިތާޙްކޮށްފިއެވެ. މި ޖަމްޢިއްޔާ އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި އެވެ.
އައްމާރު ފައުންޑޭޝަންގެ ފައުންޑަރ ހުސައިން ހަލީމް ވަނީ މި ހަފްލާގައި ވާހަކަފުޅު ދައްކަވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، މި ފައުންޑޭޝަން އުފެދިގެން އައުމަށް މެދުވެރިވި އެންމެ ބޮޑު ސަބަބަކީ
އޭނާގެ ބައްޕަ އަމިއްލަ ޤައުމުން ބޭރުގައި މި ދުނިޔެއާ އަލްވަދާއުކިޔާ އެ ހިތްދަތި ނުތަނަވަސް ދަނޑިވަޅުގައި ބައްޕަގެ ޖަނާޒާގެ ކަންތައް އެހެން ފަރާތެއްގެ އެހީތެރިކަން ﷲ ސުބުހާނަހޫ ވަތައާލާގެ ހެޔޮރަހްމަތުން މިންވަރުކުރައްވާ ހުރިހައިކަމެއް ނިމިގެން ދިޔަ ފަސޭހަ ރަހުމަތުގެ ސަބަބުންނެވެ.
ހުސައިން ހަލީމް އިތުރަށް ވިދާޅުވީ ”އަޅުގަނޑުމެންގެ މަޤްޞަދަކީ ހަމައެކަނި އެހީ ފޯރުކޮށްދިނުމެއް ނޫނެވެ. އަޅުގަނޑުމެން ބޭނުންވަނީ މުޖުތަމަޢުގައި ދެމެހެއްޓެނިވި ބަދަލުތަކެއް ގެނައުމަށެވެ. އެހީ ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ އިތުރުން، ޞިއްޙީ ފަރުވާއަށް ބޭނުންވާ ފަރާތްތަކަށާއި، ތަޢުލީމީ އެހީތެރިކަމަށް ބޭނުންވާ ކުދިންނާއި ޖުމްލަކޮށް އެހީތެރިކަމަށް ބޭނުންޖެހިފައިވާ އެންމެހައި ފަރާތްތަކަށް އެހީތެރިވެ އެފަރާތްތަކުގެ ހިތްތަކަށް ތަސައްލީއެއް ގެނައުމަށް މަސައްކަތް ކުރުމެވެ.“
މި ހަފްލާގެ ޝަރަފްވެރި މެހެމާން މިނިސްޓަރ އޮފް ސްޓޭޓް ފޯ ޔޫތް އެމްޕަވަމެންޓް އިންފޮމޭޝަން އެންޑް އާރޓްސް އަބްދުއްލަތީފް އަހްމަދު ވިދާޅުވީ، މި ހަފްލާގައި ބައިވެރިވުމުގެ ފުރުޞަތު ލިބުމަކީ ނުހަނު ބޮޑު އުފަލެއްކަމަށާއި އަދި ފައުންޑޭޝަންގެ ފައުންޑަރ ހުސައިން ހަލީމްގެ ޢަޒުމާއި ހިތްވަރަށް ސާބަސް ދެއްވައި، ފައުންޑޭޝަންގެ މަޤްޞަދު ހާސިލުކުރުމުގައި ކުރިއަށް ދިއުމަށް ހިތްވަރުދެއްވިއެވެ. އަދި އޭގެ އިތުރުން އިންސާނީ އެހީތެރިކަމަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަކީ އަޅުގަނޑުމެން އެންމެންގެވެސް ޒިންމާއެއްކަމަށްވެސް ވިދާޅުވިއެވެ. އައްމާރު ފައުންޑޭޝަން ފަދަ ޖަމްޢިއްޔާތަކުން މި މަސައްކަތުގައި އިސްނަގައިގެން ކުރާ މަސައްކަތްތަކަކީ ވަރަށް އަގުހުރި މަސައްކަތްތަކެއްކަމަށް އަބްދުއްލަތީފް އިބްރާހިމް ވިދާޅުވިއެވެ.
އައްމާރު ފައުންޑޭޝަނުން ވަނީ އާންމު ރައްޔިތުންނަށް މި ފައުންޑޭޝަންގެ މަސައްކަތްތަކަށް އެހީތެރިވެދިނުމަށް ގޮވާލާފައެވެ. މީގެ ތެރޭގައި މާލީ އެހީތެރިކަމާއި، ވޮލަންޓިއަރުންގެ ގޮތުގައި ބައިވެރިވުން ހިމެނެއެވެ. އަދި ޖަމްޢިއްޔާއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފައިއެވެ

































