އިސްލާމިކް ކެލިގްރަފީގެ ހުނަރު ލިބި، އެތައް ބައެއްގެ ތައުރީފް ހޯދި، ޖަމާލުއްދީން ސްކޫލުގެ ސްޕެޝަލް އެޑިއުކޭޝަނަލް ނީޑްސް ދަރިވަރު ހުސެއިން ނާއިޝް އަށް އިސްލާމިކް މިނިސްޓްރީން ރަނުގެ ފުރުސަތުތަކެއް ހޯދައި ދީފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ކީރިތި ގުރުއާން ލިޔުމާއި އިސްލާމިކް ކެލިގްރަފީ ދާއިރާއިން ކުރިއަށް ދިއުމަށް އިތުރު ހުނަރު ދަސްކޮށްދިނުމަށް އެހީވާނެ ކަމަށެވެ. އަދި ނާއިޝް ސްކޫލު ނިމުމުން ގުރުއާން މަރުކަޒުގެ ތެރޭގައި އެ ހުނަރު އެހެން ކުދިންނަށް ދަސްކޮށްދިނުމަށް މަސައްކަތްތައް ހަވާލުކުރާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ. އައްޑޫގައި އަންނަ އަހަރު ހުޅުވާ އިސްލާމިކް ސެންޓަރާއި ފުވައްމުލަކު ގުރުއާން މަރުކަޒުގައި ނާއިޝްގެ އިސްލާމިކް ކެލިގްރަފީގެ ފަންނުވެރި ލިޔުންތައް ބެހެއްޓުމުގެ ފުރުސަތު ވެސް ފަހިކޮށްދޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ. އިސްލާމިކް ކެލިގްރަފީ ހެދުމަށް ބޭނުންވާ އެންމެހާ ޒަމާނީ ވަސީލަތްތައް މި ދަރިވަރަށް ހޯދައި ދޭނަން މި ދާއިރާއިން އިތުރު ހުނަރު އޭނާއަށް ދަސްކޮށްދިނުމަށް ދާއިރާގެ ފަންނު ވެރިޔަކު ހަމަޖައްސާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި އިސްލާމީ ދާއިރާތަކުން ކުރިއަށް ދާން ޝައުގު ހުރި މިފަދަ ހުރިހާ ކުދިންނަށް މި ފުރުސަތު އޮންނާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޙުސައިން ނާއިޝްގެ ކުރެހުން ފުރަތަމަ އާއްމުކުރީ ޖަމާލުއްދީން ސްކޫލްއިންނެވެ. އެ ސްކޫލުގެ ފާރުގައި ޤުރުއާނުގެ އާޔަތްތައް ކެލިގްރާފްކޮށްފައިވާ މަންޒަރު އެ ސްކޫލުން އާއްމުކުރުމާއެކު ގިނަ ބަޔަކު ވަނީ ނާއިޝްގެ ހުނަރަށް ތައުރީފްކޮށްފައެވެ.

































