ސޯޝަލް މީޑީއާގެ ޕްލެޓްފޯމެއްކަމަށްވާ ޓިކްޓޮކްގައި ”ޔާޔާ ނަބީލް“ ގެ ނަމުން މަޝްހޫރުވެފައިވާ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެއްގެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ހާމަކޮށްފިއެވެ.
އާއްމު އިޖްތިމާޢީ މިންގަނޑާއި، އަދި އިސްލާމްދީނާއި ޚިލާފަށް، އަންހެން ހެދުން އަޅާއިގެން ޒާތްޒާތުގެ ވީޑިއޯތައް މީސްމީޑިއާގައި އާއްމު ކުރަމުންދާ ޔާޔާ ނަބީލަށް އެއްވެސް ފިޔަވަޅެއް ނާޅައި މުޖުތަމައުއަށް ދޫކޮށްލާފައި ހުންނާތީ އެކަމާ އާއްމުން ކަންބޮޑުވުންފާޅު ކުރަމުންދާއިރު، ނޫސްވެރިންވެސް ވަނީ ތަކުރާރުކޮށް ފުލުހުންނާއި އެ ސުވާލު ކޮށްފައެވެ.
މިކަމާއި ގުޅީގެން ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުން މިއަދު ފުލުހުން ވިދާޅުވީ އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް އަންހެނުންގެ ހެދުން އަޅައިގެން ސޯޝަލް މީޑިއާގައި ވީޑިއޯ ޝާއިޢުކުރަމުންދިޔަ މައްސަލައިގެ ތަޙްޤީޤު ނިންމާފައިވާކަމުގައެވެ. މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި 17 އޮގަސްޓް 2023 ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މުޙައްމަދު ނަބީލް ނުވަތަ ޓިކްޓޮކްގަ އެންމެން ދަންނަ ”ޔާޔާ ނަބީލް“ ވަނީ ނިވާކަން ކުޑަ އަންހެނުންގެ ހެދުން އަޅައިގެން ސޯޝަލް މީޑިއާގައި ވީޑިއޯ ހިއްސާކުރުމުގެ ތުހުމަތުގައި މީގެ ކުރިންވެސް އެތައްފަހަރެއްގެ މަތިން ބަންދުކުރެވިފައެވެ.
އޭނާ ވަނީ މި ޢަމަލު ތަކުރާރު ނުކުރާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޓިކްޓޮކް ލައިވްއެއްގައި މަޢާފަށްއެދިފަކަންވެސް ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް، އޭގެ ދުވަސްކޮޅެއް ފަހުން އަނެއްކާވެސް އަންހެނުންގެ ހެދުން އަޅައިގެން ޓިކްޓޮކްގައި ހަރަކާތްތެރިވެފައިވާ ވީޑިއޯތައް އާއްމުވެފަވެއެވެ.
މިކަމާ ގުޅީގެން ގިނަ ބަޔަކު އަންނަނީ އޭނާ މިނިވަންކަމާއެކު އަދިވެސް ނިވާކަން ކުޑަ އަންހެނުންގެ ހެދުން ލައިގެން އުޅޭ މައްސަލައިގައި ނުރުހުން ފާޅުކޮށްފައެވެ. އަދި އޭނާ ހައްޔަރުގައި ނުބަހައްޓާތީވެސް ގިނަ ބަޔަކު ވަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

































