ސްޓެލްކޯ ބިޒްނަސް ސެންޓަރު ނިންމާ އެސެންޓަރ ދައްކާލުމަށް ކުޑަކުދިންގެ ހަވީރެއް މާދަމާ ބާއްވަން އެކުންފުނިން ނިންމައިފިއެވެ. މިއީ އާންމުކޮށް ހުޅުވާލެވިގެން ކުރިއަށް ގެންދާ ކުޑަކުދިންގެ ހަވީރެކެވެ. ސްޓެލްކޯ އިން ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނީ ވޭތުވެދިޔަ ހަ މަސް ދުވަހު ސްޓެލްކޯގެ މުވައްޒަފުން ވަރަށް ބުރަކޮށް މަސައްކަތްކޮށް، ސްޓެލްކޯ ބިޒްނަސް ސެންޓަރު އިމަރާތް ކުރުމުގެ މަސައްކަތް ވަރަށް ފުރިހަމައަށް ނިންމާފައިވާ ކަމަށެވެ.
ސްޓެލްކޯގެ މުއައްޒަފުންގެ ހިތްވަރާއި ޖޯޝާއި މަސައްކަތުގެ ނަމޫނާ އަހުލާގު ފާހަގަކޮށް، އެ މުވައްޒަފުންގެ ހުނަރުވެރިކަން އެ މުވައްޒަފުންގެ އާއިލާތަކަށް ދައްކާލުމާއި، އެ އާއިލާތަކުގެ ކުޑަކުދިންގެ އިތުރުން ހުރިހާ ކުޑަކުދިންނަށް ހުޅުވާލައިގެން ޚާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމާފައިވާ ކަމަށް ސްޓެލްކޯގެ ޕޯސްޓުގައިވެއެވެ.
މި ކުޑަކުދިންގެ ހަވީރު ބާއްވަނީ މާދަމާ ހަވީރު 4:00 އިން 6:00 އަށް އަދި އަދި ރޭގަނޑު 8:00 އިން 9:30 އަށް ސްޓެލްކޯ ބިޒްނަސް ސެންޓަރު އިމާރާތުގައެވެ.
އިންޖީނުގެއަކަށް ބޭނުންވާ ހުރިހާ ސާމާނު އެއްތަނަކުން ލިބޭގޮތަށް ސްޓެލްކޯއިން ފިހާރައެއް ހުޅުވުމުގެ މަސައްކަތް ސްޓެލްކޯއިން ފެށީ މި އަހަރުގެ ޖުލައި މަހުގައެވެ. އެތަން އިމާރާތްކޮށްފައިވަނީ ސްޓެލްކޯ އިމާރާތުގެ ތިރީގައި ހުންނަ ފިހާރައާ ޖެހިގެން އޮންނަ ހުސް ބިމުގައެވެ.

































