އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ މިނިސްޓަރު ޑރ އައިޝަތު ރަމީލާ މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. ސިއްހީ ހާލަތު ތަންނުދޭތީވެ މިނިސްޓަރު އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވުމާއި ގުޅިގެން އެކަމަނާގެ އިސްތިއުފާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގަބުލުފުޅުކުރައްވާފަ އެވެ. އެކަމާނެ އިސްތިއުފާގެ ސިޓީއާގުޅިގެން ރައީސް ނެރުއްވި ނޫސް ބަޔާނުގައި ވަނީ، މިނިސްޓަރެއްގެ ހައިސިއްޔަތުން އެންމެހައި ރައްޔިތުންނަށް ލާނބައާއި ފާގަތިކަން ހޯއްދަވައިދެއްވުމަށް މިނިސްޓަރ ރަމީލާ މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އަދި މިނިސްޓަރު ރަމީލާ ފަދަ ހީވާގި އަމާނާތްތެރި ގާބިލު ބޭފުޅަކު ވަޒީރުންގެ މަޖިލީހުގައި ހިމެނުމަކީ ވެސް ލިބުނު ފަހުރެއްކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. އަދި މިނިސްޓަރެއްގެ ހައިސިއްޔަތުން ހިދުމަތް ކޮށްދެއްވި ދުވަސްތަކުގައި، ސަރުކާރަށް ކޮށްދެއްވި ހިދުމަތްތައް ފާހަގަކޮށް، ޝުކުރު އަދާކުރެއްވި ކަން ރައީސްއޮފީހުން ހިއްސާކުރެއްވި ނޫސްބަޔާނުގައި ބަޔާންކޮށްފައި ވެއެވެ.
އެކަމަނާގެ ސިއްޙީ ހާލަތު ހިއްސާކުރެއްވި ގޮތުގައި ބަލި ޖެހިފައިވާކަން އެނގިވަޑައިގެންނެވީ ކެންސަރުގެ އެޑްވާންސް ސްޓޭޖުގައި ހުއްޓައި ކަމަށެވެ. ބަލިދެނެގަތުމާއި ގުޅިގެން ކީމޯ އާއި ރޭޑިއޭޝަން ތެރަޕީ ނެގުމަށް ރާއްޖެއިން ބޭރަށް އެންމެ ފުރަތަމަ ވަޑައިގެންނެވީ މިދިޔަ އަހަރުގެ ނޮވެންބަރު މަހު ފަހުކޮޅުގަ އެވެ. އޭގެފަހުން ވެސް އެކަމަނާ ވަނީ އިތުރު ސާޖަރީއެއް ހައްދަވާފައިވާކަންވެސް ހިއްސާކޮށްފައި ވެއެވެ.
ޑރ. އައިޝަތު ރަމީލާ މިނިސްޓަރުކަމަށް އައްޔަން ކުރައްވާފައިވަނީ 2023 ވަނަ އަހަރުގެ 17 ނޮވެމްބަރ މަހު އެވެ. އެކަމަނާ ވަނީ ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަޤާމު ވެސް އަދާކުރައްވާފަ އެވެ.

































