ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދާ ދެ މިސްކިތުގެ ތެރެއިން ހިޔާ ޓަވަރު 16 ކައިރީ ބިނާކުރަމުންދާ މިސްކިތް, ކުރިއަށްއޮތް ރަމަޟާންމަހަށް ނިންމާލެވޭވަރުވާނޭކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ފޭސް ދޭއްގައި ބިނާކުރަމުންދާ ދެ މިސްކިތާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ބުނީ ޓަވަރު 16 ސަރަހައްދުގައި އިމާރާތްކުރަމުންދާ މިސްކިތް ރަމަޟާންމަހަށް ނިންމާލެވޭނޭކަމުގެ ޔަގީންކަން މިސްކިތް އިމާރާތްކުރާ ފަރާތުން ޔަގީންކޮށްދީފައިވާ ކަމަށެވެ. އެ މިސްކިތަކީ 1،500 މީހުންނަށް ނަމާދުކުރެވޭ މިސްކިތެކެވެ.
އިސްލާމިކް މިނިސްޓްރީގެ ޓީމެއް ވަނީ އިއްޔެ ހުޅުމާލޭ ފޭސް ދޭކަށް ޒިޔާރަތްކޮށް މިހާރު ބިނާކުރެވެމުންދާ ދެ މިސްކިތުގެ މަސައްކަތްކުރާ ކޮންޓްރެކްޓަރާ ބައްދަލުކޮށް މަސައްކަތް ކުރިއަށްގޮސްފައިވާ ހިސާބު އޮޅުންފިލުވާފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ސަލާހުއްދީން ސްކޫލް ކައިރީހުރި މިސްކިތް ކުރިއަށްއޮތް ރަމަޟާންމަހަށް ނިންމާނުލެވުނު ނަމަވެސް, އަންނަ އަހަރުގެ ޖޫން ހިސާބުގައި އެ މިސްކިތުގެ މަސައްކަތް ނިންމާލެވޭނޭކަމަށް ކޮންޓްރެކްޓަރުގެ ފަރާތުން މައުލޫމާތު ދީފައިވާކަމަށެވެ.
މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާ އެ މިސްކިތުގެ ކޮންޓްރެކްޓަރަކީ އެސްޖޭ ކޮންސްޓްރަކްޝަނެވެ. މީގެ ކުރިން އެ މިސްކިތުގެ މަސައްކަތް ލަސްވަމުންދާ މައްސަލާގައި އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރުގެ މާޗްމަހު ބުނެފައިވަނީ، މަސައްކަތް މަޑުޖެހުނީ ފައުންޑޭޝަން އެޅިފަހުން ބެންޗްމާކްތަކުގައި މައްސަލަތަކެއް ދިމާވެގެން ކަމަށެވެ.
އެޗްޑީސީން މައުލޫމާތުދޭގޮތުގައި މި މިސްކިތަކީ ހުޅުމާލޭގައި ބިނާކުރެވިގެންދާނެ ތަފާތު މިސްކިތެއް ކަމަށެވެ. އެގޮތުން މި މިސްކިތް ފަރުމާކޮށްފައިވަނީ މިސްކިތައް އަރާ ފޭބުމުގައި ތޮއްޖެހުން ކުޑަވާނޭ ގޮތަށެވެ. މިސްކިތުގެ އެންމެ ހާއްސަ އެއްކަމަކީ، މިސްކިތް ފަރުމާކޮށްފައިވަނީ, ކޯޓްޔާޑް ސަރަހައްދުގައި މީހުންނަށް އިށިއިނދެވޭ ގޮތަށެވެ.
މިސްކިތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، 2022 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ. އެސްޖޭއިން އެ މިސްކިތް ނިންމާގޮތަށް އޮތީ އަހަރުދުވަހުގެ ތެރޭގައެވެ. މިސްކިތުގައި އެއްފަހަރާ 1،400 މީހުންނަށް ނަމާދުކުރެވޭއިރު، މިސްކިތުގެ ބޭރާއެކު އެއްފަހަރާ 3،000 މީހުންނަށް ނަމާދުކުރެވޭނޭކަމަށް އިސްލާމިކް މިނިސްޓްރީން އޭރު ވަނީ ބުނެފައެވެ.

































