އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދީނީ ހޭލުންތެރިކުރުމުގެ ޕްލޭންގެ ދަށުން އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއްދޭނީ ނަމާދުކުރަން އަހުލުވެރިކުރުވުމަށް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަހީމް މިފަދައިން ވިދާޅުވީ މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްލޭންގައި އަންނަ 2025 ވަނަ އަހަރު އެންމެ ބޮޑު އިސްކަމެއްދޭނީ ހުރިހާ ސަރަހައްދެއްގައިވެސް ހުރިހާ އުމުރުފުރައަށް އަމާޒުކޮށް ނަމާދުކުރަން އަހުލުވެރިކުރުވުމަށާއި، ނަމާދަށް ލޯބިޖެއްސުމަށްކަމަށެވެ.
ކުޑަކުދިންނާއި ޒުވާނުންގެ ހިތުގައި އިސްލާމް ދީނަށް ލޯބި ޖައްސާ، ދީނުގެ ގިއުގަނޑުގެ ތެރެއަށް ފެތޭ މުޖުތަމަޢެއް ބިނާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެވެސް އެންމެ މުހިންމު އެއް ސިޔާސަތެވެ. އެގޮތުން ފަތިސް ނަމާދަށް ހޭލާ ރާއްޖެއެއް ދެކެވަޑައިގަންނަވަން ބޭނުންފުޅުވާކަމަށާއި، ނަމާދުގެ ޖަމާޢަތްތައް ބައިބޯވުމަށް އެދިވަޑައިގަންނަވާކަން އެކި މުނާސަބާތުތަކުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔަވަނީ ވިދާޅުވެފައެވެ.
”2025 ވަނަ އަހަރު އިސްލާމީ ވުޒާރާގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްލޭންގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ހުރިހާ ސަރަހައްދެއްގައި ވެސް ހުރިހާ އުމުރުފުރައަށް އަމާޒުކޮށް ނަމާދު ކުރަން އަހުލުވެރިކުރުވުމަށާއި ނަމާދަށް ލޯބި ޖެއްސުމަށް.“ ވަޒީރު ޝަހީމް ގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިދާއިރާއިން އެންމެ ފުރަތަމަ ކުރެއްވި އެއް މަސައްކަތަކީ، ދީނުގެ ކަންކަން އޮޅުންފިލާފައިވާ އަދި ޒަމާނަށް އަންނަމުންދާ ބަދަލުތަކުގެތެރޭގައިވެސް އިސްލާމްދީނުގެ މުހިންމު އަސާސްތަކުގެ މަތީގައި ދެމިތިބުމަށްޓަކައި ބޭނުންވާ ޢިލްމާއި ތަމްރީނު، ރަށްރަށުގެ މިސްކިތްތަކުގެ އިމާމުންނަށާއި ދީނީ ޢިލްމުވެރިންނަށް ފޯރުކޮށްދެއްވުމުގެ މަސައްކަތެވެ. އެގޮތުން ޢިލްމުވެރިންނާއި އިމާމުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ޚާއްސަ ތަމްރީންތައްވަނީ ދީފައެވެ.

































