ޒަޔަނިސްޓު އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އޭނާގެ ކުރީގެ ދިފާޢީ ވަޒީރު ޔޯއަވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރު ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓު, އައިސީސީން ނެރުމަކީ ފަލްސްތީނުގެ ރައްޔިތުންގެ ހައްގުގައި މިއަދު އަޅަން މަޖުބޫރު ފިޔަވަޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޒަޔަނިސްޓު އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އޭނާގެ ކުރީގެ ދިފާޢީ ވަޒީރު ޔޯއަވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރު ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓު, އައިސީސީން ނެރުމާއި ގުޅިގެން ރައީސް ވިދާޅުވީ މިކަމަށް ރާއްޖެއިން މަރުޙަބާ ކިޔާކަމަށެވެ.
މީސްމީޑިއާ މެދުވެރިކުރައްވައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ އައިސީސީގެ އެނިންމެވުމަކީ ފަލަސްޠީނުގައި ހިންގަމުންދާ އިންސާނިއްޔަތާއި ޚިލާފު ޖަރީމާތަށް ހުއްޓުވައި އިސްރާއީލު ޖަވާބުދާރީކުރުވުމަކީ ކޮންމެހެން އަޅަންޖެހިފައިވާ ފިޔަވަޅެއްކަމަށެވެ.
އަދި ދިވެހިރާއްޖެއިން ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓުގެ ނިންމުމަށް ރާއްޖެއިން އިޙްތިރާމުކުރާކަން ފާހަގަކުރައްވައި ރައީސް ވަނީ އެ ޙުކުމް ތަންފީޒުކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. މީގެއިތުރުން ބައިނަލްއަޤުވާމީ ޤާނޫނުތައް ތަންފީޒުކޮށް، ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދީ، ސަރަޙައްދުގައި ހަމަޖެހުން ޤާއިމުކުރުމަށްވެސް މިއީ ކޮންމެހެން ކުރަންޖެހޭކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓުގެ އިސް ޕްރޮސިކިޔުޓަރ ކަރީމް ޚާންގެ އޮފީހުން ވަނީ އަނިޔާވެރި ނަތަންޔާހޫއާއި ގަލާންޓްގެ އިތުރުން ފަލަސްޠީނުގެ ޣައްޒާގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޙަމާސް ޖަމާޢަތުގެ އިސް ތިން ވެރިއަކު ހައްޔަރު ކުރުމަށް އަމުރު ނެރުމަށް ވެސް މަސައްކަތް ފަށާފައެވެ.
އައިސީސީއަކީ ހަނގުރާމައިގެ ކުށްތަކާއި, އިންސާނިއްޔަތާ ޚިލާފު ކުށްތަކާއި, ގަތުލުއާންމުތަކުގެ މައްސަލަތައް ބަލާ ދުނިޔޭގެ އެންމެ މަތީ ކޯޓެވެ. އައިސީސީ އުފެއްދުމަށް އެކުލަވައިލި ރޯމް ސްޓޭޓިޔުޓް ތަސްދީޤު ކޮށްފައި ވަނީ 1998ވަނަ އަހަރުގައެވެ. ނަމަވެސް, އެ ކޯޓު އުފެދިގެން އައީ 2002ވަނަ އަހަރުގެ ޖުލައި މަހުގެ 1ވަނަ ދުވަހު, ކޯޓު އުފެއްދުމަށް ބޭނުންވާ 60 ޤައުމުގެ ސޮއި ހަމަވުމުންނެވެ. އދގެ ޢާންމު މަޖިލީހުން ވެސް ވަނީ އައިސީސީއަށް ރުހުން ދީފައެވެ. ނަމަވެސް, އެއީ މިނިވަން, މުސްތަޤިއްލު ކޯޓެކެވެ.
އައިސީސީގެ ނިންމުންތަކާއި ކޯޓު އަމުރުތައް ތަންފީޒު ކުރުމަށް ފުލުހުންގެ އިދާރާއެއް ގާއިމުކޮށްފައި ނެތް ނަމަވެސް, އައިސީސީގެ މެންބަރު ޤައުމުތަކުގެ މައްޗަށް އެ ކޯޓުގެ ނިންމުންތަކާއި އަމުރުތައް ތަންފީޒު ކުރުން ލާޒިމު ކުރެއެވެ.

































