ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވިއިރު، ރާއްޖޭގެ ގިނަ ރައްރަށުގައި ހުރި ކައުންސިލް އިދާރާތައް ހުރީ ބޮލަށް ވެއްޓޭވަރުވެފައި ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އަހަރެއް ފުރުމުގެ މުނާސަބަތުގައި މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ސިޓީތަކާއި އިދާރީ ދާއިރާތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ކައުންސިލްތަކަށް ޒިޔާރަތްކުރުމަށް ރައީސް މުއިއްޒު އިސްކަމެއް ދެއްވި ކަމަށެވެ. އެގޮތުން މިހާތަނަށް އައިރު 160 ކައުންސިލަކަށް ވަޑައިގެންނެވިކަން އޭނާ ފާހަގަކުރެއްވިއެވެ. އެއީ ރެކޯޑެއް ކަމަށާއި ރާއްޖޭގެ ރައީސްއަކު އެހާ ގިނަ ކައުންސިލްތަކަށް ވަޑައިގެން ހާއްސަކޮށް ބައްދަލުކުރައްވާފައެއް ނެތް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ރައީސް ކުރެއްވި ދަތުރުފުޅުތަކުގައި ކައުންސިލް އިދާރާތަކުގެ އިމާރާތްތައް ހުރި ހާލަތު ފެނިވަޑައިގެންނެވިކަން ވަޒީރު ފާހަގަކުރެއްވިއެވެ. ބައެއް ތަންތަން ވަދެލެވޭ ހާލަތުގައި ނެތުމުން އެ ބައްދަލުވުންތައް ބޭއްވީ ފެނަކަގެ އިމާރާތްތަކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ވަޒީރު ޝަރީފު ވިދާޅުވީ ރަށްރަށައް ވަޑައިގެންނެވި އިރު، ކައުންސިލްތަކުގެ ހާލަތު ހުރިގޮތް ރައީސްގެ ލޯފުޅަށް ފެނިގެން ދިޔަކަމަށާއި އާންމުކޮށް ގިނަ ކައުންސިލްތަކުގައި ދެ މީހަކު އެކުގައި ބައްދަލުކޮށްލާނެ ތަނެއް ނެތުނީމަ ރައީސް އެ ރަށްރަށަށް ވަޑައިގަތުމުން ރައީސްއާ ކައުންސިލްތަކުން ބައްދަލުކުރުމަށް އިންތިޒާމު ކޮށްފައި ހުރީ ފެނަކަ އިދާރާތުގައި ކަމަށް ޝަރީފު ވިދާޅުވިއެވެ.
ކޮންމެ ރަށެއްގައި އެންމެ އިސްކަންދޭ އަދި މުހިންމު ތަނަކީ ކައުންސިލް އިދާރާ ކަމަށްވާއިރު އެއީ ހަސްފަސް ނެތް ތަންތަންކަމަށާއި އެހާ ނިކަމެތި ހާލުގައި ހުރީމަ އެތަންތަނަށް ވަދެލެވޭނެ ހާލަތެއް ނެތިގެން އެންމެ ފަހުން ފެނަކައިގެ އިމާރާތެއްގެ ތެރޭގައި ބައްދަލުވުން ބޭއްވީކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކުރުކޮށް ދަންނަވާ ކަމަށްވާނަމަ ކައުންސިލް އިދާރާތައް ހުރީ ބޮލަށް ވެއްޓޭ ހިސާބުގައިކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އެ ހާލަތު ބަދަލުކުރުމަށް ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތްތަކެއް ކުރެއްވި ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން މިހާތަނަށް ވަނީ 55 ކައުންސިލެއް އިމާރާތްކުރަން ފެށުމުގެ ރަސްމިއްޔާތު ބޭއްވުމަށް ތައްޔާރުވެފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރައީސް އަމިއްލަފުޅަށް އިސްނަންގަވައިގެން ޗައިނާ ސަރުކާރުގެ އެހީގައި 50 ކައުންސިލެއް އެޅުމުގެ މަސައްކަތް ކުރުމަށް ވެސް މިހާރު ތައްޔާރުވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެ ދެ މަޝްރޫއު ވަރަށް އަވަހަށް ފެށޭނެ ކަމަށާއި އަދި ދެ އަހަރުގެ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވިދާޅުވިއެވެ. މަސައްކަތް ނިމޭއިރު ރާއްޖޭގެ ކައުންސިލްތަކުގެ 71 އިންސައްތައިގެ ކައުންސިލް އިދާރާތައް މުޅިން އާ އިދާރާތަކަށް ބަދަލުވެގެންދާނެ ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.

































