އެކި މައްސަލަތަކާ ގުޅިގެން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 5،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ހަފުތާ 52″ ގެ ނަމުގައި ރޭ ކުރިއަށް ގެންދިޔަ ހާއްސަ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން އިހްސާން ވިދާޅުވީ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރަންދާ ކަަމަށެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ރާއްޖޭގެ 138 ރަށެއްގައި ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް ހޯމްލޭންޑް މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފެށި އޮޕަރޭޝަން ކުރަނގީގެ ތެރެއިން 10،000 އަށް ވުރެ ގިނަ މީހުންގެ ބަޔޯމެޓްރިކްސް މިހާތަނަށް އައިއިރު ނެގިފައިވާ ކަމަށެވެ.
ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް އަންނަ އަހަރުގެ އެޕްރީލު މަހުގެ ތެރޭގައި ނަގައި ނިމޭނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އިތުރަށް ވިދާޅުވި ގޮތުގައި ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކޮށް، ކުދި ވިޔަފާރިކުރާ ފަރާތްތަކަށް އުދަނގޫކުރުމާ އަދި އެކި ކުށްތަަކަށް އަރައިގަންނަ ބިދޭސީންނަށް ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކޮށްފައިވާ ކަަމަށެވެ.
ވަޒީރު ވިދާޅުވީ ކުށްތަކަށް އަރައިގަންނަމުން އައި ބިދޭސީން ހިފައި ހައްޔަރުކޮށް، 48 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ބޭރު ކުރެވޭނެ ނިޒާމެއް ގާއިމުކޮށްފައިވާނެކަމަށާއި އެ ނިޒާމުގެ ތެރެއިން ގާތްގަނޑަކަށް 5،000 އެއްހާ ބިދޭސީން މިހާރު ވާނީ ރާއްޖެއިން ބޭރުކުރެވިފައިކަމަށް ވަޒީރު އިހްސާން ވިދާޅުވި އެވެ.
ރާއްޖެއިން ފުރުވާލި ބިދޭސީންގެ ތެރޭގައި ސައްހަ ވިސާ ނެތި އުޅެމުންދިޔަ މީހުންނާއި އެކި ކުށްތަކަށް އަރައިގަންނަމުންދިޔަ ބިދޭސީން ހިމެނެ އެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމުގެ އިތުރުން ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނު ބިދޭސީން ހިމެނެ އެވެ.


































