ސަރުކާރުން ހަރަދު ކުޑަކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނި ނަމަވެސް، 2025 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުން ހަރަދު ކުޑަކުރަން ކުރާ ކަމެއް ފެންނަން ނެތް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގެ ބަޖެޓުގެ ބަހުސް ގައި މީކާއިލް ވިދާޅުވީ، އަންނަ އަހަރަށް ހުށަހެޅިފައިވާ ބަޖެޓަކީ، ނިމިދިޔަ އަހަރަށް ހުށަހެޅުނު ބަޖެޓާ އަޅާ ބަލާއިރު 7 ބިލިއަން ރުފިޔާ ބޮޑު ބަޖެޓެއް ކަމަށެވެ. އަދި އެ ބަޖެޓުން ހަރަދު ކުޑަކުރާން ކުރި އެއްވެސް ކަމެއް ފެންނަން ނެތް ކަމަށް ވިދާޅުވި އެވެ.
މުވައްޒަފުންނަށް ކުރާ ހަރަދުގެ ގޮތުގައި 14 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާ ކަމަށާއި އެއީ، މިދިޔަ އަހަރަށްވުރެ 37 އިންސައްތަ އިތުރުވެފައިވާ އަދަދެއްކަން 19 ވަނަ މަޖިލީހުގައިވެސް މެންބަރުކަން ކުރެއްވި މީކާއިލް ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ ޚަރަދުތައް ދަނީ ބޮޑުވަމުން ކަމަށާއި ސިޔާސީ މުވައްޒަފުންނަށް ސިޔާސީ ގޮތުން އައްޔަން ކުރެވިފައި ތިބި، އެއްވެސް މަސައްކަތެއް ނުކޮށް އަތް އުރާލައިގެން ތިބެ ގޮނޑި ހޫނުކުރާ މީހުންނަށް މި ބަޖެޓުން ވަނީ ގިނަކަމަށެވެ. އަދި ސިޔާސީ މުވައްޒަފުންގެ ހަރަދު އިންތިހާއަށް ބޮޑުވަމުން އަންނަ އިރު، އާއްމު ރައްޔިތުންގެ ޖީބަށް ކުރާ ހަރަދު މިދަނީ ބޮޑުތަނުން ކުޑަ ވަމުންކަމަށް މީކާއިލް ވިދާޅުވިއެވެ.
”ހަރަދުތައް މިދަނީ ބޮޑުވަމުން. ސިޔާސީ މުވައްޒަފުންނަށް، ސިޔާސީ ގޮތުން އައްޔަން ކުރެވިފައތިބި އެއްވެސް މަސައްކަތެއް ނުކޮށް ގޮނޑި ހޫނުކުރާ މީހުންނަށް މި ބަޖެޓުން ވަނީ ގިނަ. ސިޔާސީ މުވައްޒަފުންގެ ހަރަދުތައް އިންތިހާއަށް ބޮޑުވާއިރު، އާއްމު ރައްޔިތުންގެ ޖީބަށް ކުރާ ހަރަދު މިދަނީ ބޮޑުތަނުން ކުޑަ ވަމުން،“ މީކާއިލް ވިދާޅުވިއެވެ.
މީގެ އިތުރުން އަންނަ އަހަރުން ފެށިގެން ސަބްސިޑީތަކަށް ގެނެވޭ ބަދަލާއެކު އާއްމު ރައްޔިތުންގެ ޖީބުން ދާ ހަރަދު ބޮޑުތަނުން އިތުރުވާނެ ކަމަށް މީކާއިލް ވިދާޅުވި އެވެ. އަދި ސަރުކާރުން އެކަން ކުރަން ނިންމާފައިވަނީ އެއްވެސް ޕްލޭނެއް ނެތި ކަމަށް ވިދާޅުވެ، އެކަމާ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި އެވެ.
މީކާއިލް އިތުރަށް ވިދާޅުވީ، އެ ބަޖެޓަކީ ގާނޫނާއި ހިލާފަ މަޖިލީހަށް ހުށަހެޅުނު ”ކަނޑައެޅިގެން ގާނޫނާއި ހިލާފް ބަޖެޓެއް“ ކަމަށެވެ. ލާމަރުކަޒީ ގާނޫނުގައި ވަކި އަދަދެއް ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް ދޭން ޖެހޭނެ ކަމަށް އޮތްވާ، އެ ގްރާންޓުގެ ގޮތުގައި ގާނޫނާއި ހިލާފަ އަދަދުތަކެއް ޖަހާފައިވާކަން ފާހަގަކުރެއްވި އެވެ.
އަދި މިއީ އެހެން ގައުމެއްގައި ނަމަ ފިނޭންސް މިނިސްޓަރު އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

































