އިޓަލީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ ޖުމްހޫރީ ދުވަހުގެ މުނާސަބާއާއި ގުޅުވައިގެން ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިޓަލީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވަން ދިވެހި ސަރުކާރުން ހުށަހެޅުމުން އެގައުމުގެ ސަރުކާރުން އެކަމަށް ހުއްދަ ދީފައިވާ ކަމަށެވެ.
އަދި މިދިޔަ އަހަރުގެ ފަހުކޮޅު ތުރުކީ ވިލާތުގައި ރާއްޖޭގެ އެމްބަސީއެއް ގާއިމުކުރުމަށް ހުއްދަ ލިބުނުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ހަމަ އެގޮތަށް މިއަހަރު ތެރޭ އިޓަލީ ވިލާތުންވެސް އެގައުމުގައި ރާއްޖޭގެ އެމްބަސީއެއް ގާއިމުކުރަން ހުއްދަ ލިބުނުކަމަށެވެ.
“އަޅުގަނޑުމެން އެކަމަށް ހުށަހަޅައިގެން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ޓޫރިޒަމަށް މުހިންމުވީމާ އެކަން ކުރަން ނިންމީ”
”މި ފެށޭ އަހަރު އަޅުގަނޑުމެން އިޓަލީ ވިލާތުގައި އެމްބަސީއެއް ހުޅުވަން މިހާރު ވަނީ ހުއްދަ ލިބިފައި. އަޅުގަނޑުމެން އެކަމަށް ހުށަހަޅައިގެން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޓޫރިޒަމަށް މުހިންމުވީމަ އެކަން ކުރަނީ، ހަމައެގޮތަށް އަޅުގަނޑުމެންގެ ވިޔަފާރިއަށް މުހިންމު އެހެން ވިޔަފާރިތަކަށްވެސް ގައުމަށް ފައިދާހުރި ތަންތަނުގައި އެމްބަސީތަކާއި ހައިކޮމިޝަންތައް ހުޅުވާނެ.“ ރައީސް ވިދާޅުވިއެވެ.
އެއާއެކު، ދިވެހިންގެ ވިޔަފާރިއަށް މުހިންމު އެހެން ބޭނުންތެރި ގައުމުތަކުގައި ދިވެހި ސަރުކާރުން ހައި ކޮމިޝަން ހުޅުވުމުގެ ހުއްދަ ހޯއްދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް، އެތަނަކީ ދިވެހިންނަށް ފައިދާހުރި ތަންތަނަށްވޭތޯ ބައްލަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ކުރިއަށް އޮންނަ ތަނުގައި މި މަގުން ހާރިޖީ ދާއިރާ ކުރިއަށްގެންދަވާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

































