އަމާޒަކީ ކުރިޔަށް އޮތް އަހަރުދުވަސްތެރޭ، ވެރިކަން ކުރާ ޕާޓީ ޕީއެންސީ އަކީ ހުރިހާގޮތަކުން ވެސް ދިވެހިރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޕާޓީއަށް ހެދުންކަމަށް ކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.
ޕީއެންސީއަށް މެންބަޝިޕް އިތުރުކުރުމަށް މިއަދު ކުރިއަށް ގެންދިޔަ ހަރަކާތް ފެށުމުގެ ގޮތުން ނޫސްވެރިންނާ ވާހަކަދައްކަވައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ގާތްގަނޑަކަށް 75،000 މެމްބަރުން ޕާޓީއަށް ހަމަކުރުން ކަމަށެވެ. އެހެންނަމަވެސް ޕާޓީގެ ސަޕޯޓަރުންގެ ވިސްނުން ހުރިގޮތަށް ބަލާއިރު، ރައީސް އެ ވިދާޅުވި ވަރަށް ވުރެ މައްޗަށް، 95،000 ނުވަތަ 100،000 އާ ހަމައަށް ޕާޓީގެ މެމްބަޝިޕް އިތުރުކުރުމުގެ ޝައުގުވެރިކަން އެބަހުރިކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ އަމާޒަކީ އެއަށްވުރެ ބޮޑު ޕާޓީއެއް ރާއްޖޭގައި ނާންނާނެ ވަރަށް ޕީއެންސީއަށް މެމްބަރުން އިތުރުކޮށް، ޕާޓީ ބޮޑުކުރުން ކަމަށެވެ. އަދި އެ އަމާޒަށް ވާސިލުވުމަށް އޮތް އެންމެ ބޮޑު ކާމިޔާބަކީ ރައީސްގެ ސިޔާސަތާއި، ރައްޔިތުންގެ ތާއީދު ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އަމާޒަކީ އެންމެ މަދުވެގެން 90،000އަށް ޕާޓީގެ މެމްބަޝިޕް އިތުރުކުރުންކަމަށާއި އަމާޒަކީ އަހަރެއްހާ ދުވަހުގެ ތެރޭގައި ހުރިހާ ގޮތަކުން ބަލާއިރުވެސް ދިވެހިރާއްޖޭގަ އޮތް އެންމެ ވަރުގަދަ ޕާޓީއަށް ޕީއެންސީ ވެ، ދުވަހަކުވެސް އެހެން ޕާޓީއަކުން ނުހަދާ ވަރުގެ ރެކޯޑެއް ހެދުންކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މިހާރު އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދަފުތަރުގައި ވާގޮތުން ނަމަ ޕީއެންސީގައި 65,000 މެމްބަރުން ތިއްބަވާނެ ކަމަށް ޕީއެންސީގެ ލީޑަޝިޕުން ފާހަގަކުރިއެވެ. އޭރުން މިހާތަނަށް 50،851 މެންބަރުންނާއެކު އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީއަށް ވުރެ ޕީއެންސީގެ މެންބަރުން އިތުރުވާނެއެވެ.
ޕީއެންސީއަށް މެންބަރުން ބާރު ސްޕީޑުގައި އިތުރުކުރަމުންދާތީ އިދިކޮޅުގެ ފަރާތްތަކުން ބޮޑެތި ތުހުމަތުތަކެއް ވެސް ކުރެއެވެ. އެގޮތުން މަޖުބޫރުންނާއި ސިޔާސީ ނުފޫޒު ފޯރުވައި، މަގާމުގެ ބިރު ދައްކައިގެން މެންބަރުން ޕާޓީއަށް ވައްދާ ކަމުގެ ތުހުމަތުތައް އިދިކޮޅު ފަރާތްތަކުން ކުރެއެވެ.
އެކަމަށް ރައްދު ދެއްވައި އާދަމް ޝަރީފް ވިދާޅުވީ ޕީއެންސީގެ ތެރޭގައި އެއްވެސް ވަރަކަށް ސިޔާސީ ނުފޫޒެއް ބޭނުންކޮށްގެން ނުވަތަ އެއްވެސް ނަހަމަ ގޮތެއްގައި ކުރާ މަސައްކަތެއް ނޯންނާނެ ކަމަށެވެ. އެ ޕާޓީން މަސައްކަތް ކުރަނީ އެއަށްވުރެ މާ ދެފުށްފެންނަ ގޮތަކަށް، މާ ފުޅާ ދާއިރާއެއްގައި ހުޅުވާލައިގެން ކަމަށް ވިދާޅުވިއެވެ.
އަދި ކޮންމެ ކަމެއް ވެސް މަޝްވަރާކޮށްގެން ކުރިއަށްގެންދާ ކަމަށާއި އުސޫލުތަކުން ބޭރުން އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ވަނީ އަރުވާފައެވެ.

































