ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދަ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 6 ކޮފީޝޮޕެއްބަލާ ފާސްކޮށް، 5 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަންގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ހިއްސާކުރި ފޯސްޓުގައި، ބުނީ އެ މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޓާސްކުފޯހުން މާލޭސިޓީގެ ކޮފީ ޝޮޕްތަކަށް ހާއްސަކޮށްގެން ހިންގި ރެއިޑު އޮޕަރޭޝަން ގައި ކަމަށެވެ. މި އޮޕަރޭޝަނުން ކޮފީޝޮޕް ހިންގަމުންދާ 6 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަންގެ ޕޯސްޓުގައި ބުނެފައިވެ އެވެ.

އިމިގްރޭޝަނުން އެންމެފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ހިންގުނު އޮޕަރޭޝަންތަކުގައި 1،300 އަށް ވުރެ ގިނަ ތަންތަން ބަލައި ފާސްކުރިއިރު، ޖުމްލަ 5،012 ބިދޭސީން ވަނީ ފުރުވާލާފަ އެވެ. އިމިގްރޭޝަން އިން ފުރުވާލި ބިދޭސީންގެ ތެރޭގައި ސައްހަ ވިސާ ނެތި އުޅެމުންދިޔަ މީހުންނާއި އެކި ކުށްތަކަށް އަރައިގަންނަމުންދިޔަ ބިދޭސީން ހިމެނެ އެވެ. އަދި އޭގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމުގެ އިތުރުން ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނު ބިދޭސީން ހިމެނެ އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަން, ”ކުރަނގި“ ގެ ދަށުން މިހާތަނަށް 18,000 ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ވެސް ވަނީ ނަގައިފަ އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަހައްލުކުރުމަށް ކުރީގެ ސަރުކާރުތަކުން އެޅިފިޔަވަޅުތަކުން އެކަށީގެންވާ އެދެވޭ ނަތީޖާއެއް ފެނިފައިނެތެވެ. ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަޅަމުންގެންދަވާ ކާމިޔާބު ފިޔަވަޅުތަކުން ނަތީޖާފެނި އާންމުރައްޔިތުންގެ ހިތްހަމަޖެހުންދަނީ ފާޅުކުރަމުންނެވެ. އިމިގްރޭޝަން އިން އުފައްދާފައިވާ ޓާސްކްފޯހުން ކާމިޔާބު އޮޕަރޭޝަންތަކެއް ހުއްޓުމެއް ނެތިދަނީ ކުރިއަށްގެން ދަމުންކަން ފާހަގަކޮށްލެވެއެވެ.

































