މި އަހަރު ހައްޖުގެ އަޅުކަން އަދާކުރަންދާ ކޮންމެ ދިވެއްސަކަށް އިތުރު، 1،750 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަން ރައީސް ޑރ. މުހައްމަދު މުއިއްޒު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިއަދު އަންގަވައިފިއެވެ.
ރައީސް ޑރ. މުއިއްޒު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި އަހަރު ހައްޖަށްދާ މީހުންނަށް ބޭންކްގެ ރަސްމީ ރޭޓްގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ހައްލެއް ހަމަޖައްސައި ދިނުމުގެ ގޮތުން ކޮންމެ ހައްޖުވެރިއެއްގެ ބީއެމްއެލް ޑެބިޓް ކާޑަށް މިހާރު އޮންނަ ޑޮލަރު ލިމިޓްގެ އިތުރުން 1،750 ޑޮލަރުގެ ލިމިޓެއް ހަމަޖައްސައި ދިނުމަށް ބޭންކުގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ.
ރައީސް ޑރ. މުއިއްޒު ވަނީ ދިވެހި ރައްޔިތުންގެ ބޭންކެއްގެ ގޮތުގައި ބީއެމްއެލް އިން ކުރައްވަމުން ގެންދަވާ ގިނަ ގުނަ މަސައްކަތްތަކަށް ޝުކުރު ދަންނަވައިފައެވެ.
ހައްޖަށްދާ ހައްޖުވެރިންގެ ޑެބިޓް ކާޑް ލިމިޓަކީ 250 ޑޮލަރެވެ. ރައީސް ޑރ. މުއިއްޒުގެ މި ނިންމެވުމާއެކުގައި ހައްޖުވެރިންނަށް 2،000 ޑޮލަރު ހަމަޖެހިގެންދާނެއެވެ.
މި އަހަރު ހައްޖަށްދާ ހައްޖުވެރިންގެ ކާޑް ލިމިޓް އިތުރުކުރިއިރު، މިއަހަރުގެ ރަމަޟާންމަހު އުމްރާއަށް ދިޔަ ކޮންމެ އުމްރާވެރިއަކަށް ވެސް 1،500 ޑޮލަރު ލިމިޓެއް ހަމަޖެއްސިއެވެ. ކޮންމެ އުމްރާވެރިއެއްގެ ބީއެމްއެލް ޑެބިޓް ކާޑް ލިމިޓަކީ 250 ޑޮލަރެވެ. ރައީސް ޑރ. މުއިއްޒު އެ ފަހަރު ނިންމެވީ 250 ޑޮލަރު ހިމެނޭ ގޮތަށް އިތުރު 1،500 ޑޮލަރާއެކު ޖުމްލަ 1،750 ޑޮލަރު ދިނުމަށެވެ. މީގެއިތުރުން، ބީއެމްއެލް އިން ކޮންމެ ޓިކެޓަކަށް 500 ޑޮލަރު ދޫކުރެއެވެ.

































