ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާނުކުރެއްވި ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން މިހާތަނަށް 248 ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް، ވަކިކުރި މުވައްޒަފަކު ނުފެންނަ ކަމަށާއި އަދި އެ ވަކިކުރި 280 މުވައްޒަފުން ކޮބައިތޯ ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ސުވާލުއުފައްދަވައިފިއެެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޣަފޫރު ވިދާޅުވީ މި އަހަރު ރިކަރަންޓު ޚަރަދު 1.5 ބިލިއަން ރުފިޔާއިން އިތުރުވެފައިވާ ކަމަށާއި، ރައްޔިތުންގެ އަތުން އިތުރަށް ޓެކްސް ނަގަން އުޅޭއިރު އެ ޚަރަދުތައް ކުޑަކުރަން ޖެހޭ ކަމަށެވެ.
މި ސަރުކާރުން ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުގެ ދަށުން ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވަ ކަމަށް ބުނި ނަމަވެސް އެކަމާ ގުޅޭ ތަފުސީލު ހާމަނުކުރާ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވިއެވެ. ޣަފޫރު ވިދާޅުވީ ރައީސް މުއިއްޒު ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން މިހާތަނަށް 248 ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް، ވަކިކުރި މުވައްޒަފަކު ނުފެންނަ ކަމަށެވެ. އަދި އެ ވަކިކުރި އެއްވެސް މީހަކު ނެތްކަމަށާއި އެ ވިދާޅުވާ މީހުންގެތެރެއިން އޮފީހަށް ނުދާ އެއްވެސް މީހަކު ނުފެންނަކަމަށް ޣަފޫރު ވިދާޅުވިއެވެ.
”ކޮބައިތޯ ކަނޑާލި 280 މުވައްޒަފުންނަކީ؟ އެ މީހަކު ނެތް. ސަރުކާރުން އެބަ ބުނޭ ކަނޑައިފީމޭ. ޚަރަދަކުން ނުދައްކައޭ އަދި އެ މީހާ ވެސް އޮފީހަށް ނުދާ މީހެއް އަޅުގަނޑުމެންނަކަށް ނުފެނޭ،“ ޣަފޫރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ސަރުކާރުން ކޮންމެ ކަމެއް ފޮރުވައި، އަވަސް އަރުވާލައިގެން، އެކަމެއް ކުރަން ޖެހޭ އުސޫލުން ބޭރުން އަމަލު ކުރާ މަންޒަރު ފެންނަ ކަމަށެވެ. އެހެންވެ، ކަންތައްތައް ހާމަކޮށް، ރައްޔިތުންގެ ފައިސާ ޚަރަދު ކުރުމުގައި ޒިންމާދާރުވުމަށް ޣަފޫރު ގޮވައިލެއްވިއެވެ.
ޣަފޫރު ވިދާޅުވީ ރިކަރަންޓު ޚަރަދު ބޮޑުވާން ޖެހޭ އެއްވެސް ސަބަބެއް ނުފެންނަކަމަށާއި ރިކަރަންޓު ޚަރަދުން ޚަރަދު ކުރަން ޖެހެނީ ރައްޔިތުންނަށް، ރައްޔިތުންނަށް ދެ ޚަރަދުތައް އެ ދަނީ ދުވަހުން ދުވަހަށް އުނިކުރަމުން، ހިފަހައްޓަމުން، ބަންދުކުރަމުން،ކަމަށް އޭނާ ވިދާޅުވިއެވެ.

































