ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކުރަން ނިންމުމާ އެކު، ފޮއްޓެއްގެ އަގު 250 ރުފިޔާއާ ހަމައަށް އުފުލިއްޖެއެވެ.
ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން, ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ ގާތްގަނޑަކަށް ތިން ގުނަ ބޮޑުކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ. އެ ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރި އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް 19 ވަނަ އިސްލާހު ގެނައުމުގެ ބިލު އެ މަނިކުފާނު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ތަސްދީގުކުރައްވައިފައެވެ.
އެއާއެކު، ރާއްޖެއަށް ސިނގިރޭޓު އެތެރެ ކުރާ ކުންފުނިތަކުންނާއި ފިހާރަތަކުން ވިއްކާ ސިނގިރޭޓުގެ އަގު ވަނީ ބޮޑުކޮށްފައެވެ.
ރާއްޖެއަށް އެންމެ ގިނައިން ސިނގިރޭޓު އެތެރެ ކުރާ ރޫޓްއިން މީގެ ކުރިން ސިނގިރޭޓު ކާޓަންއެއް ވިއްކަމުން އައީ 995 އަށް ކަމަށްވީ ނަމަވެސް މިހާރު އެ އަގު ވަނީ 2240 ރުފިޔާއަށް ބޮޑުކޮށްފައެވެ. ރައީސް ބިލް ތަސްދީގުކުރެއްވި ދުވަހުން ފެށިގެން ބައެއް ފިހާރަތަކުން ވަނީ ސިނގިރޭޓު ފޮއްޓެއްގެ އަގު ބޮޑުކޮށްފައެވެ.
މާލޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ބައެއް ފިހާރަތަކުން މިހާރު ސިނގިރޭޓު ފޮއްޓެއް ވިއްކަމުން އަންނަނީ 245 އާއި 250 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. މީގެ ކުރިން ސިނގިރޭޓު ވިއްކަމުން އައި ބައެއް ފިހާރަތަކުން ވަނީ ސިނގިރޭޓުގެ ސްޓޮކް ހުސްވެ، އަލުން ހޯދުމުގައި ދަތިތައް އުޅޭކަން ފާހަގަކޮށްފައެވެ.
ރައީސް ތަސްދީގުކުރެއްވި އިސްލާހުގެ މަގުސަދެއްގެ ގޮތުގައި ވަނީ، ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުން ނަގަމުން އަންނަ އިމްޕޯޓް ޑިއުޓީގެ މިންވަރު އިތުރުކުރުމެވެ.
އަދި، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތައް ރާއްޖެ އެތެރެކުރުން މަނާ ކުރުމާ ހަމައަށް ހިނގާ މުއްދަތުގައި ރާއްޖެއަށް ގެންނަ އެފަދަ ތަކެތިން ނަގާ އިމްޕޯޓް ޑިއުޓީގެ މިންވަރު އިތުރުކުރުމެވެ.

































