ޖަރުމަނުވިލާތުގެ ހުޅަނގުގެ ސިޓީއެއް ކަމަށްވާ ގެލްސެންކިރްޗެންގެ ކުޑަކުދިން ކުޅޭ ޕާކެއްގެ ގޮނޑިއެއްގައި އެކަނި އިށީނދެގެން އިން އަންހެނަކު، ގަވާއިދާ ޚިލާފުވި ކަމަށް ބުނެ 25 ޔޫރޯ އިން ޖޫރިމަނާކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ އެ ސިޓީގެ ގްލޫކައުފްޕާކް ގައެވެ. އުމުރުން 31 އަހަރުގެ ހާނާ ނަމަކަށް ކިޔާ ކެމިސްޓްރީ ކިޔަވާ ދަރިވަރަކު، ކިޔެވުމާއި މާލީ ދަތިތަކާ ހެދި ވަރަށް ބޮޑަށް ހާސްވެގެން ހިތްހަމަޖައްސާލުމަށްޓަކައި ހިނގާލަން ނުކުމެ، އެ ޕާކުގެ ގޮނޑިއެއްގައި އިށީނދެ ބޮޑުދައިތައަކަށް ފޯނުން ގުޅައިގެން ވާހަކަދައްކަމުން ދަނިކޮށް ރޮވެން ފެށީއެވެ.
އެ ވަގުތު އެ ސަރަހައްދުގައި އުޅުނު މުނިސިޕަލް ޕަބްލިކް އޯޑަރުގެ ތިން އޮފިސަރަކު އޭނާގެ ކައިރިއަށް އައިސް، ކައިރީގައި އުނދޯލި ހެއްލަން ތިބި ދެ ކުދިންނަކީ އޭނާގެ ކުދިންތޯ ސުވާލުކުރިއެވެ. އެއީ އޭނާގެ ކުދިން ނޫން ކަމަށް ބުނުމުން، ކުޑަކުދިންނާ ނުލައި ބޮޑެތި މީހުންނަށް އެ ތަނުގައި ނުތިބެވޭނެ ކަމަށް ބުނެ އޮފިސަރުން ވަނީ އޭނާގެ އައިޑީ ކާޑު ހޯދައި ޖޫރިމަނާ ކޮށްފައި ވެއެވެ.
ގެލްސެންކިރްޗެން ސިޓީގެ ގަވާއިދުތައް ބުނާގޮތުން، ކުޑަކުދިން ކުޅޭ ޕާކުތައް ޚާއްސަކޮށްފައިވަނީ އުމުރުން 14 އަހަރުން ދަށުގެ ކުދިންނަށް އެކަންޏެވެ. ބޮޑެތި މީހުންނަށް އެ ސަރަހައްދަށް ވަދެވެނީ ހަމައެކަނި ކުޑަކުދިން ބެލެހެއްޓުމަށް އެ ކުދިންނާއެކު ދާ ހާލަތްތަކުގައެވެ. ޖަރުމަނުގެ މީޑިއާއެއް ކަމަށްވާ ޑަބްލިއުޑީއާރު (WDR) އަށް މައުލޫމާތު ދެމުން ހާނާ ބުނީ، އެއީ އެފަދަ ގަވާއިދެއް އޮންނަ ކަމެއް ކުރިން އެނގިފައިވާ ކަމެއް ނޫން ކަމަށާއި، އޭނާ ބޭނުންވީ އެކަނިވެލައިގެން އިނދެ ހިތްހަމަޖައްސާލަން ކަމަށެވެ. އަދި މީހަކު ރޯން އިންދާ ފެނުމުން ހާލު އަހާލުމުގެ ބަދަލުގައި، އެއްވެސް ރަހުމެއް ނެތި ޖޫރިމަނާ ކުރުމުން ވަރަށް ބޮޑަށް ދެރަވި ކަމަށްވެސް އޭނާ ބުންޏެވެ.































