ކުރުކޮށް ދެންނެވެންއޮތީ، ސިޔާސީ މުސޫމީ އޮއިވަރުގައި މަސައްކަތްކުރާ އާ އަބެއެއް ރާއްޖޭގެ ސިޔާސީ މައިދާނުން ނުފެންނަކަމެވެ. އަދި އިލްމީ ޤާބިލް ދެޖިންސުގެ ޒުވާނުން ސިޔާސީ ލީޑަރުންނަށް ވުމަށްއޮތް ފުރުޞަތު ހަނިކަމެވެ. އަދި ސިޔާސީ ހަރަކާތަކީ ކޮންއެއްޗެއްކަމެއް އަދި ޤައުމަށް ފައިދާ ކުރާގޮތަކީ ކޮބައިކަމެއް ގިނަ ރައްޔިތުންނަކަށް ނޭނގެއެވެ. ނަމަވެސް ޤައުމީ ފިކުރެއްގައި ޤައުމީ ވިސްނުމުގައި ގިނަރައްޔިތުން މަސައްކަތްކުރެއެވެ. ސިޔާސީ ފިކުރުގެ ޔަޤީންކަމާއި އިތުބާރުގެ މައްސަލަތަކެއް ވަނީ ބަދަލުވެގެން ދިޔަ ސިޔާސީ ޕާޓީގެ ވެރިކަންތަކުން ފެންމަތިވެފައެވެ. ރައްޔިތުން އަދިވެސް ދަސްކުރަމުންދަނީ ރާއްޖޭގެ ސިޔާސީ މައިދާނާއި ސިޔާސީ މަސައްކަތެވެ.
ޑިމޮކްރެޓިކް ނިޒާމެއްގައި ސިޔާސީ ބާރުވެރިކަމުގެ އެންމެ އަސާސީ ތަނބަކީ ރައްޔިތުންގެ ވޯޓެވެ. ނަމަވެސް، އެ ވޯޓާ ހަމައަށް ވާޞިލުވުމަށްޓަކައި ކޮންމެ ސިޔާސީ ލީޑަރަކުވެސް ނުވަތަ ސިޔާސީ ޕާޓީއަކުންވެސް ކަޑައްތުކުރަންޖެހޭ އެންމެ އުނދަގޫ، އަދި އެހާމެ މުހިންމު މަރުޙަލާއަކީ ރައްޔިތުންގެ އިތުބާރު ހޯދުމެވެ.
ނުފޫޒުގަދަ ސިޔާސީ ޝަޚްޞިއްޔަތުން ރައްޔިތުންގެ ހިތްތައް ފަތަޙަކުރުމަށް ބޭނުންކުރާ އުކުޅުތަކަކީ ހަމައެކަނި އިއްތިފާޤަކުން ހިނގާ ކަންކަމެއް ނޫނެވެ. އެއީ ވަރަށް ބޮޑަށް ރޭވިގެން، ނަފްސާނީ އަދި އިޖުތިމާޢީ އުޞޫލުތަކުގެ މައްޗަށް ބިނާކޮށް ހިންގާ ޙަރަކާތްތަކެކެވެ. ޒަމާނީ ފަހުގެ ސިޔާސީ އުކުޅުތައް ބޭނުންކުރާތައް ދަނީ ފެންނަންމުނެވެ.
ޢާންމުންނާ އެއްހަމައެއްގައި ހުރުން:
އިތުބާރު އުފެއްދުމުގެ އެންމެ ފުރަތަމަ ފިޔަވަޅަކީ އާންމު ރައްޔިތުންނާ އޮންނަ ދުރުމިން ކުޑަކުރުމެވެ. ރައްޔިތުންގެ ގެދޮރަށް ޒިޔާރަތްކޮށް، އެމީހުންގެ ދިރިއުޅުމުގެ ޙާލަތު ގާތުން ބެލުމާއި، އެމީހުންގެ އުދާސްތައް ކަނުލައި އަޑުއެހުމަކީ ނުފޫޒުގަދަ ސިޔާސީ ބޭފުޅުން ވަރަށް އިސްކަންދެއްވާ ކަމެކެވެ. ރައްޔިތުންނަށް އިޙްސާސްކޮށްދެނީ، އެބޭފުޅުންނަކީ އުސް ގޮނޑިތަކެއްގައި ތިއްބެވި ބައެއް ނޫންކަމާއި، އެއީ ރައްޔިތުންގެ ތެރެއިން ނުކުމެވަޑައިގެން ހުންނެވި، ރައްޔިތުންގެ ވިންދު ދަންނަ ބޭފުޅެއް ކަމެވެ.
ޢަމަލީ އެހީތެރިކަމާއި އިޖުތިމާޢީ ޚިދުމަތް:
ބަހަށްވުރެ ޢަމަލު ބާރުގަދަވާނެކަން ސިޔާސީ މާހިރުން ރަނގަޅަށް ދަނެއެވެ. އެހެންކަމުން، ޞިއްޙީ ފަރުވާއަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމާއި، ތަޢުލީމީ އަދި ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުމުގައި އިސްނަގައެވެ. މިފަދަ ޢަމަލީ އެހީތެރިކަމުގެ ސަބަބުން، އެ ސިޔާސީ ލީޑަރަކީ ހަމައެކަނި ވާހަކަދައްކަވާ ބޭފުޅެއްގެ ބަދަލުގައި، ކަންކަން ކޮށްދެއްވާ ”އޯގާތެރި“ ލީޑަރެއްގެ ގޮތުގައި މުޖުތަމަޢުގައި ސިފަވެގެންދެއެވެ.
މުޖުތަމަޢުގެ ބާރުވެރި ފަރާތްތަކުގެ ތާއީދު ހޯދުން:
ކޮންމެ ރަށެއްގައި ނުވަތަ އަވަށެއްގައިވެސް އެބައެއްގެ ބަސް ވިކޭ، އިޙްތިރާމް ލިބިފައިވާ އިސްރަށްވެހިންނާއި ޒުވާނުންގެ ލީޑަރުން ތިބެއެވެ. ނުފޫޒުގަދަ ސިޔާސީ ބޭފުޅުން މިފަދަ ޝަޚްޞިއްޔަތުންނާ ގާތް ގުޅުމެއް ބާއްވައި، އެބޭފުޅުންގެ ތާއީދު ހޯދައެވެ. މީގެ ނަތީޖާއަކީ، އެ މުޖުތަމަޢުގެ އާންމު ފަރުދުންގެ މެދުގައި އެ ސިޔާސީ ލީޑަރަކާ މެދު އޮންނަ ޔަޤީންކަން އިތުރުވެ، އިތުބާރު އުފެދުމެވެ.
އިންތިޚާބީ މޫސުމުގައި ދައްކާ އުއްމީދީ ތަޞައްވުރުތަކާއި، ރީތި ބަސްތަކަކީ ވަގުތީގޮތުން ވޯޓު ހޯދުމަށް ބޭނުންކުރެވިދާނެ އުކުޅެކެވެ. ނަމަވެސް، ފަސްދިން ސިޔާސީ ތާރީޚު ހެކިދޭ ގޮތުގައި، ދިގު މުއްދަތަކަށް ރައްޔިތުންގެ އިތުބާރު ދެމެހެއްޓެނީ އިންތިޚާބަށްފަހުވެސް ރައްޔިތުންނާ އޮންނަ ގުޅުން ކަނޑާނުލައި، ވެފައިވާ ވަޢުދުތައް އިޚްލާޞްތެރިކަމާއެކު ފުއްދައިދޭ ލީޑަރުންނަށެވެ.

































