އިސްރާއީލުން ހިފާފައިވާ ބިންތަކުން އުފައްދާ ތަކެތި ނެދަލެންޑްސްއަށް އެތެރެކުރުން މަނާކުރި މަނާކުރުމަށް އަމަލުކުރަން ފެށުމާއެކު، އަމްސްޓަޑަމް އާއި ތަލްއަވީވްއާ ދެމެދު ސިޔާސީ ބޮޑު ކުރިމަތިލުމެއް ވަނީ ފެށިފައެވެ.
މި ފިޔަވަޅު އެޅިތާ ފަސް ދުވަސް ފަހުން، އިސްރާއީލުގެ ޚާރިޖީ ވަޒީރު ވަނީ ރާމަﷲ ގައި ހުންނަ ނެދަލެންޑްސްގެ ރެޕްރެޒެންޓެޓިވް އޮފީހުގައި މަސައްކަތްކުރާ ނެދަލެންޑްސްގެ ޑިޕްލޮމޭޓުންގެ ޑިޕްލޮމެޓިކް ދަރަޖަ ބާތިލްކޮށްފައެވެ. އަދި އިސްރާއީލުގެ އިދާރާތަކުން އެ ބޭފުޅުންނަށް ދޫކޮށްފައިވާ ރަސްމީ ލިޔެކިޔުންތައް އަނބުރާ ހަވާލުކުރުމަށް 7 ދުވަހުގެ މުއްދަތެއް ދިނެވެ. އިސްރާއިލްގެ ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި، ނެދަލެންޑްސްއިން ފަލަސްޠީނުގެ މަސްލަހަތުތައް ތަމްސީލުކުރަން ބޭނުންނަމަ، އެކަން ކުރަންޖެހޭނީ އިސްރާއީލުގެ ބިމުން ނޫން ކަމަށާއި، އެކަން ކުރަންވާނީ ފަލަސްޠީނުގެ އިދާރާގެ ބިމުގައި ކަމަށެވެ.
މިކަމާ ގުޅިގެން ނެދަލެންޑްސްއިން ބުނީ، އެގައުމުން އެޅި ވަގުތީ ފިޔަވަޅަކީ އިސްރާއީލާ ދެކޮޅަށް އެޅި ފިޔަވަޅެއް ނޫން ކަމަށާއި، އެއީ ޣައިރުޤާނޫނީ އާބާދީތަކަށް އެހީތެރިނުވުމަށް އެގައުމުން ވެފައިވާ ބައިނަލްއަޤްވާމީ އިލްތިޒާމްތަކާ އެއްގޮތަށް އެޅި ފިޔަވަޅެއް ކަމަށެވެ. ނެދަލެންޑްސްގެ ޚާރިޖީ ވަޒީރު ޓޮމް ބާންޑްސަން ހާމަކުރެއްވި ގޮތުގައި، އިސްރާއީލުގެ މި ފިޔަވަޅުގެ އަސަރު އެގައުމުގެ 8 ޑިޕްލޮމޭޓަކަށް ކުރިއެވެ. ނަމަވެސް، ނެދަލެންޑްސް ސަރުކާރުން އިސްރާއީލުގެ ސަފީރު ހާޒިރުކޮށް ކަންބޮޑުވުން ފާޅުކުރުން ފިޔަވައި، ބަދަލުހިފުމުގެ ގޮތުން އިސްރާއީލާ ދެކޮޅަށް އެފަދަ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
ނެދަލެންޑްސްގެ ކަސްޓަމްސް އޮތޯރިޓީން ހާމަކޮށްފައިވާ ގޮތުގައި، ވިޔަފާރި މުދަލުގެ އިތުރުން ދަތުރުވެރިންގެ އަތްދަބަހުގައި ގެންނަ ހަނދާނީ ހަދިޔާ އާއި އަމިއްލަ ބޭނުމަށް ގަންނަ ތަކެތިވެސް އެތެރެކުރުން ވަނީ މަނާކޮށްފައެވެ.

































