ދިވެހި ބޭސްވެރިންގެ ޖަމްޢިއްޔާގެ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ރޭ ތާޖުއްދީން ސްކޫލްގެ ޖަލްސާކުރާ މާލަމުގައި ބާއްވައިފިއެވެ.
ރޭ ބޭއްވި މިޖަލްސާ ޝަރަފްވެރިކޮށްދެއްވީ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެސިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯ އަލްފާޝިލް ޢަބްދުﷲ ނާޒިމް އިބްރާހިމްއެވެ.
މި ޖަލްސާގައި، 2025 ވަނަ އަހަރު ޖަމްޢިއްޔާގެ އަހަރީ ރިޕޯޓު ހުށަހެޅުމާއި ބޭސްވެރިކަމަށް ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅަކަށްވަނީ ހަނދާނީ ޝަރަފް ވަނީއަރުވާފައެވެ.
ޖަލްސާގައި ޝަރަފުއެރުވި ބޭފުޅުންނަކީ ދިވެހި ބޭސްވެރިކަމުގެ ރަން އޮޑިހަނު، އަލްފާޝިލް ހަސަން ޤާސިމް(ތޮޅެންދޫ ޙަސަން ޤާސިމް) ދިވެހި ބޭސްވެރިކަމުގެ އިސްފަންނު ވެރިޔާގެ އައްޑަނަ އަލްފާޝިލް އަހުމަދު ސަޢީދު (ފޫޅުމާގެ/ގދ.ގައްދޫ) އަދި ދިވެހި ޤަދީމީ ބޭސްވެރިކަމުގެ ޢިލްމު ދިރުވައި އާލާކުރުމުގެ ޝަރަފް އަލްފާޝިލް ޢަދުނާނު ޔޫސުފް (ޖަވާހިރުމާގެ/ބ.ކެންދޫ) އެވެ.

ޖަމްޢިއްޔާއިން ބުނީ، މިއީ ދިވެހި ބޭސްވެރިންގެ އަގުވަޒަންކޮށް، ދިވެހި ބޭސްވެރިކަން ކުރައްވާ ފަރާތްތަކަށް ހިތްވަރުދީ ޒުވާނުން މިދާއިރާއަށް ޝައުޤުވެރިކުރުވުމުގެ މަޤުޞަދުގައި ތައާރަފް ކުރި ޚިދުމަތުގެ ޝަރަފްތަކެއްކަމެވެ.
ޖަލްސާގެ ޝަރަފްވެރި މެހެމާނުގެ ވާހަކަފުޅުގައި، ދިވެހި ބޭސްވެރިކަމަކީ ވަރަށް ދޮށީ ދާއިރާއެއްކަމަށާއި އަދި މި ދާއިރާ ކުރިއަރުވައި އާލާކުރުމަށް 1934 ވަނައަހަރު 7 ސެޕްޓެންބަރުގައި ސަރުކާރުން ގެޒެޓްކުރެއްވި އާންމުސިއްޙަތާއިބެހޭ ޤާނޫނުގައި، ވަރަށް ތަފްޞީލްކޮށް ހިމަނުއްވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަށް ފުރަތަމަ ފަހަރަށް އެލޯޕަތީ (ވެސްޓަރން މެޑިސިން)ގެ ޚިދުމަތް ލިބެންފެށީ 25 ޖޫން 1931 ވަނައަހަރުކަން ފާހަގަކުރެއްވިއެވެ.

ނާޒިމްގެ ވާހަކަފުޅުގައި ދިވެހި ބޭސްވެރިކަމަކީ ސަރުކާރުގެ ރަސްމީ، ނިޒާމުގެތެރެއިން އެކަށީގެންވާ މަސައްކަތްތަކެއް ނުކޮށް. މިހާރު ދިވެހި ބޭސްވެރިކަން މިއޮތް ހާލަތުން ކުރިއަށް ގެންދިއުމަކީ ދަތިކަމަކަށްވާނެ ކަމަށް ދެކެވަޑައިގަންނަވާކަމަށް ފާހަގަކުރެއްވާފައެވެ. އަދި ސަރުކާރުގެ ތެރެއިން އެކަންކަމަށް ކުރެވެން ހުރި މަސައްކަތްތަކުގައި އެހީތެރިކަން ވެދެއްވާނެކަމަށް .ވިދާޅުވިއެވެ. އަދި މިހާރުވެސް އެފަދަ މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.
ރޭގެ ޖަލްސާގައި، ޖަމްޢިއްޔާގެ މުއައްސިސް އަލްފާޝިލް ހަސަން ޤާސިމްގެ އިތުރުން ޖަމްޢިއްޔާގެ ރައީސް އަހުމަދު މުޙައްމަދާއި ޖަމްޢިއްޔާގެ ހިންގާކޮމެޓީގެ މެންބަރުންނާއި ގިނަ ބޭސްވެރިންނާއި އަދި ޖަމްޢިއްޔާގެ ގިނަ އަދަދެއްގެ. މެންބަރުންނާއި ހެޔޮއެދޭ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.


































